ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދޮގު މައުލޫމާތު ދެއްވިކަމަށް ތުހުމަތުކޮށް، ބަލައިދިނުމަށް މަޖިލީހުން ފުލުހުންނަށް ހުށަހެޅި މައްސަލައިގެ ތަހުގީގު ފަށައިފިއެވެ.

ފުލުހުން ބުނީ މަޖިލީހުން ހުށަހެޅި މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އަދި ޝަރީފް ތަހުގީގަށް ހާޒިރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޝަރީފު ދޮގު މައުލޫމާތު ދެއްވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއިގުޅިގެން މެންބަރުން ސުވާލުކުރެއްވުމުންނެވެ. ނަމަވެސް ޝަރީފް ދެއްވީ ދޮގު މައުލޫމާތުކަމަށް މަޖިލީހުގެ ރައީސް ވެސް ވަނީ ވިދާޅުވެފައެވެ.

އެގޮތުން އެމްއެމްޕީއާރުސީން ދޫކުރި ބައެއް ރަށްތަކުގެ އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި އެކި ފަރާތްތަކުން އެމްއެމްޕީއާރުސީއަށް ދިން "ނޮޓް ނެގޯޝިއަބަލް" ޗެކްތައް ބީއެމްއެލުން އެސްއޯއެފަށް ޖަމާކުރިކަމަށް ބުނާ މައްސަލައިގައި ޝަރީފް ދޮގު ހެއްދެވިކަމަށް މެންބަރުން ތުހުމަތު ކުރެއްވިއެވެ.

ނޮޓް ނެގޯޝިއަބަލް ޗެކްތަކުގެ މައްސަލައިގައި، އެކަމާ ބެހޭ މައުލޫމާތު ނޭނގޭކަމަށް ޝަރީފް ކޮމިޓީގައި ވާހަކަ ދެއްކެވި ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން ސޯޝަލް މީޑިއާގައި ބީއެމްއެލްގެ ދޮގު ފަޅާއެރުވުމުން، ބީއެމްއެލުން ވަނީ އެކަން ބަލާކަމަށް ބުނެފައެވެ.

ނޮޓް ނެގޯޝިއަބަލް ޗެކްތައް އެސްއޯއެފަށް ބީއެމްއެލުން ޖަމާކުރިކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގަށް ވެސް އެނގިފައިވާކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.