ވޭތުވެދިޔަ ހަފްތާގައި މާލޭގެ މަގުމަތީގަ ހިނގައި ދިޔަ 50 އެކްސިޑެންޓެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ޓްރެފިކް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މިމަހުގެ 20 އިން 26 އަށް ފުލުހުން ކުރިއަށް ގެންދިޔަ ޓްރެފިކް އޮޕަރޭޝަންތަކުގެ ތަފްސީލް ހާމަކުރުމަށް ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މާލޭގައި 50 އެކްސިޑެންޓުވެފައިވާ އިރު، އެކްސިޑެންޓުވި މީހުންގެ ތެރެއިން 15 މީހަކަށް އެކިވަރުގެ އަނިޔާވެފައިވެއެވެ. އަދި އޭގެތެރެއިން ފަސް މީހެއްގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ހިންގި އޮޕަރޭޝަނުގައި ޖުމްލަ 220 އުޅަނދު ޗެކްކޮށްފައިވާ އިރު، އެންމެ ގިނަ މައްސަލަތައް އައިސްފައި ވަނީ ލައިސަންސް ނެތި އުޅަނދުތައް ދުއްވުމާ ގުޅޭގޮތުންނެވެ. އެގޮތުން ލައިސަންސް ނެތި ދުއްވި 109 ފަރާތެއްގެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވެއެވެ. އަދި ލައިސަންސް ކާޑު ނުލާ އުޅަނދު ދުއްވާފައިވާ 66 މީހުންގެ މައްސަލަ ބަލާފައިވާކަމަށް ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ރިޕޯޓްތަކުން ހާމަވެއެވެ. މީގެ އިތުރުން ގަވާއިދާއި ހިލާފަށް މަގުމަތީގައި ޕާކްކުރުމުގެ ސަބަބުން 256 އުޅަނދެއްގައި ސްޓިކާ ޖަހާފައިވާއިރު، 43 އުޅަނދެއް ޓޯވް ކުރިކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ބާރަށް ދުއްވި 55 ފަރާތެއްގެ މައްސަލައާއި، އިންޝުއަރެންސް ނުދައްކާ ދުއްވި 41 އުޅަނދުގެ މައްސަލަ ޓްރެފިކް ފުލުހުން ރިޕޯޓުގައި ފާހަގަކުރައްވާފައި ވެއެވެ. އަހަރީ ފީ ނުދައްކާ 29 ފަރާތެއްގެ މައްސަލައާއި، ޓްރެފިކް ލައިޓަށް ކަމޭނުހިތުމުގެ 13 މައްސަލައާއި، އުމުރުން 18 އަހަރުން ދަށުގެ 2 ކުއްޖަކު ސައިކަލު ދުއްވުމުގެ މައްސަލަ ހިމެނެއެވެ.

ޓްރެފިކްގެ މައްސަލަތަކާ ގުޅޭ މައުލޫމާތު ޓްރެފިކް ފުލުހުން ގެންދަނީ ކޮންމެ ހަފްތާއަކު ވެސް އާންމުކުރަމުންނެވެ.