ނުރައްކާތެރި އެޗް.އައި.ވީ އެއިޑްސް ޖެހިފައިތިބި ބަލި މީހުން އެންމެ ގިނަ 11 ގައުމުގެ ލިސްޓުގައި ޕާކިސްތާނު ހިމަނައިފިއެވެ.

ޕާކިސްތާނުގައި މި ބަލި އާންމުވެފައިވާ މިންވަރު 13 ޕަސެންޓް އިތުރުވެފައި ވާއިރު، މިއީ ފާއިތުވީ 10 އަހަރު ތެރޭގައި އެ ގައުމުގައި މި ނިސްބަތް މިހާ މައްޗަށް ދިޔަ ފުރަތަމަ އަހަރު ކަމުގައިވަނީ ރެކޯޑްކުރެވިފައިވެ.

ޔޫއެންއިޑްސް 2019 ރިޕޯޓް ބުނާގޮތުގައި އެޗް.އައި.ވީ އެއިޑްސް ބަލި އާންމުވަމުންދާ މިންވަރު 2030 ވަނަ އަހަރު ކޮންޓްރޯލް ކުރެވުމާ ދިމާލަށް ދުނިޔެ މިސްރާބު ޖަހާފައި އޮތް ނަމަވެސް، މި ބަލި ޖެހިގެން އަލަށް ރިޕޯޓްކުރާ މީހުންގެ އަދަދު އިތުރުވަމުންދާ ގައުމުތަކުގެ ލިސްޓަށް ޕާކިސްތާނު އިތުރު ވިކަން ވަނީ ފާހަގަކޮށްފައެވެ.

ޕާކިސްތާނުގައި މި ބަލި ޖެހޭ މިންވަރު އިތުރުވަމުންދާ ދިއުމަކީ، ބައިނަލްއަގުވާމީ ފެންވަރުގައި މިކަން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ކުރިމަތިވާ ނުރައްކަލެއްކަންވެސް އދއިން ވަނީ ފާހަގަކޮށްފައެވެ.

ޕާކިސްތާނުގައި އެއިޑްސްޖެހިފައި ތިބި މީހުންގެ އަދަދު 2010 ވަނަ އަހަރު އުޅުނީ 67000 އެއްގައެވެ. 2015 ވަނަ އަހަރު 120000އަށް މި އަދަދު އިތުރުވިއިރު، 2018 ވަނަ އަހަރު މިއަދަދު ވަނީ 160000 އަށް އިތުރުވެފައެވެ. ކަންމިހެންއޮތްއިރު، ހަގީގީ އަދަދުތައް މިއަށްވުރެވެސް އިތުރުވުން އެކަށީގެންވާކަމަށް، ކަމާ ބެހޭ ފަރާތްތަކުން ލަފާކުރެއެވެ.

ޔޫއެންއެއިޑްސް 2019 ރިޕޯޓް ބުނާ ގޮތުގައި އުމުރުން 14 އަހަރުން ދަށުގެ އެޗްއައިވީ ޕޭޝަންޓުންގެ އަދަދު 2018 ވަނަ އަހަރު ވަނީ 5500 އަށް އަރާފައެވެ. 2010 ވަނަ އަހަރު މިއަދަދު އުޅުނީ 1800 ގައެވެ.

ޕާކިސްތާނުން އެޗްއައިވީ ޖެހިގެން އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ 1987 ވަނަ އަހަރުއެވެ. އެއިޑްސް ބަލީގެ ނުރައްކާ ޕާކިސްތާނުގައި އެންމެ ބޮޑީ މަސްތުވާތެކި ބޭނުންކުރާ މީހުންނާ، ނަހަމަ ގޮތުގައި ޖިންސީ ގުޅުން ހިންގައިގެން ވިޔަފާރީގެ ގޮތުގައި އެކަން ކުރާ މީހުންގެ އިތުރުން ހިޖުރަވެރި މަސައްކަތްތެރިންގެ މެދުގައެވެ.