އެމެރިކާއިން ޕާކިސްތާނަށް ފޯރުކޮށްދެމުން ދިޔަ އެހީތައް މެދުކަނޑާލާފައި އޮތުމަށް ފަހު އެ އެހީތެރިކަން އަލުން ފޯރުކޮށްދޭން ފެށުމަށް އެމެރިކާއިން ނިންމައިފިއެވެ.

އެމެރިކާއިން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން އެމެރިކާއަށް ވަޑައިގެން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާ ބައްދަލު ކުރެއްވިތާ ހަފުތާއެއްހާ ދުވަސްވެސް ނުވަނީހެވެ.

އެމެރިކާއިން ޕާކިސްތާނަށް ފޯރުކޮށްދޭން އަލުން ފަށާ އެހީގެ ތެރޭގައި، ފަންނީ އެހީތެރިކަމުގެ އިތުރުން ދޭދޭ ގައުމުގެ އަސްކަރިއްޔާގެ ދެމެދުގައި ބަދަލުކުރެވޭ އެހީތެރިކަން ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ. މި އެހީތަކުގެ އަގު 125 މިލިއަން އެމެރިކާ ޑޮލަރަށް އަރާއިރު، މީގެ ތެރޭގައި، ޕާކިސްތާނު އަސްކަރިއްޔާއިން އޮޕަރޭޓްކުރާ އެފް-16 މަރުކާގެ މަތިންދާބޯޓު ތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުންވެސް ހިމެނެއެވެ.

އެމެރިކާއިން ޕާކިސްތާނަށް ފޯރުކޮށްދެމުން ދިޔަ އެހީތައް މެދުކަނޑާލުމަށް ފަހު އަލުން ފަށާފައި މިވަނީ ޕާކިސްތާނުގެ އެދުމުގެ މަތިން ކަމަށް އެމެރިކާއިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މީގެ މާނައަކީ އެމެރިކާއިން ޕާކިސްތާނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުން ނޫންކަމަށާ، މިކަން ހުއްޓާލުމަށް އެމެރިކާ ސަރުކާރުން ނިންމާފައިވާ ނިންމުން ބަދަލު ނުވާކަމަށްވެސް އެމެރިކާގެ އޮފިޝަލުން ވަނީ ފާހަގަ ކުރައްވާފައެވެ.