ތަފާތު ފުޅަނދުތަކާއެކު މިނިވަން ދުވަހުގެ ފުޅަނދުބުރު ބާއްވައިފިއެވެ.

ފުޅަނދުބުރު މިފަހަރު މި ބޭއްވީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. މިރޭ 8:30 އިން ފެށިގެން ކުރިއަށްދާ މި ފުޅަނދުބުރު ބޭއްވީ މާލޭގެ ބޮޑެތި މަގުތަކުގައެވެ. އޭގެތެރޭގައި މަޖީދީމަގު، ސޯސަންމަގު، އަމީރުއަހުމަދު މަގު، ބޮޑުތަކުރުފާނުމަގު ހިމެނެއެވެ.

54 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ފުޅަނދުބުރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ވެސް ވަނީ ބައްލަވާލައްވާފައެވެ.

މިނިވަނދުވަހުގެ ފުޅަނދު ބުރު ރައީސްގެ ދެކަނބަލުން ބައްލަވާލައްވަނީ

މިރޭގެ ފުޅަނދުބުރަށްފަހު މާދަމާ ހަވީރާއި ރޭގަނޑު ފުޅަނދުތައް އާއްމުކޮށް ދައްކާލުން އޮންނާނެއެވެ. ފުޅަނދުތަކުގައި ކުރިއަށްގެންދާ ކުޅިވަރުތަކާއެކު އާންމުކޮށް ދައްކާލުން އޮތީ، އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައެވެ. ފުޅަނދުތައް ތައްޔާރުކުރަނީ ސަރުކާރުގެ ކުންފުނިތަކުންނެވެ.