މިދިޔަ ބުރާސްފަތި ދުވަހު ނޫސްތަކުގެ ހެޑްލައިނުން ފެނިގެން ދިޔައީ، ފުލުހުންގެ ތަމްރީނު މަރުކަޒު، ދ. ވާނީގައި ތަމްރީނު ހަދަމުން ދިޔަ 19 އަހަރުގެ ޒުވާން ފުލުހަކު ގެނބިގެން މަރުވި ވާހަކައެވެ.

އުމުރުން އެންމެ 19 އަހަރުގައި އަބްދުލް ބާސިތް (ބާސީ) މި ދުނިޔެއާ ވަކިވެ ދިޔައީ، ކޮންމެ ޒުވާން ދަރިއެއް ވެސް ކުރާނެ ފަދަ ފޮނި އުއްމީދުތަކެއް ކުރަމުންނެވެ. ކޮންމެ ވެސް ދުވަހަކުން ރާއްޖޭގެ ކޮމިޝަނާ އޮފް ޕޮލިސް އަށް ވުމުގެ އުއްމީދު ގެންގުޅު ބާސިތް މަރުވީ، ޕޮލިސް ރެކްރޫޓް ޓްރައިނިން ކޯހުގެ ސްވިމިން ސެޝަނެއްގެ ތެރެއިން ގެނބިގެން ކަމަށް ބުނެއެވެ.

ބާސިތްގެ މަރާ ގުޅިގެން އޭނާގެ ދައްތަ ވަނީ ފޭސްބުކްގެ ޒަރިއްޔާއިން އަސަރުގަދަ މެސެޖެއް ހިއްސާ ކޮށްފައެވެ. "ލޯބިވާ ކޮއްކޮއަށް، މިއަދު މި ފަނާވަނިވި ދުނިޔެއާ ވަކިވެގެން ތި ދިޔައީ އެތައް ބައެއްގެ ހިތަށް ފުން އަސަރުތަކެއް ކުރުވަމުން، މުސްތަގުބަލުގައި ފުން އުއްމީދުތަކެއް ކުރަމުން، ކޮންމެ ވެސް ދުވަހަކުން މި ރާއްޖޭގެ ކޮމިޝަނާ އޮފް ޕޮލިސް އަށް ވުމުގެ އަޒުމުގައި ފެށި ދަތުރު ހުއްޓުމަކަށް ތިއައީ މިދުނިޔެއަށް ދޫކުރި ފަހު ނޭވާއާއެކު. މިއީ އިލާހީ ގާނޫނުގެ ނިޔާ" ބާސިތް ދެކެމުން އައި ހުވަފެންތަކާއި ފޮނި އުއްމީދުތަކުގެ ވާހަކަ ހިއްސާ ކުރަމުން ދައްތަ ލިޔުނެވެ.

ޕޮލިސް ޓްރެއިނިން ހަދަމުން ދަނިކޮށް މަރުވި އަބްދުލް ބާސިތް (ބާސީ) އޭނާގެ ދައްތައާ އެކު ނަގާފައިވާ ފޮޓޯއެއް
ކޮއްކޮ ޕޮލިސް ޔުނިފޯމުގައި ފެނުނު ދުވަހަކީ ވަރަށް އުފާވެރި އިހުސާސްތަކެއް ކުރުވި ދުވަހެއް
ބާސިތްގެ ދައްތަ

"ތިއްތަގެ ސްކޫލު ދައުރު ނިމުމާ އެކު މަންމަގެ ޒިންމާތަކުން އެއްބައި ތިއްތަ ނެގީ ނުހަނު އުފަލާއެކު. އެގޮތުން، ކޮއްކޮގެ ބެލެނިވެރިއެއްގެ ޒިންމާ ތިއްތައަށް ނަގަން ލިބުމަކީ ތިއްތައަށް ލިބުނު ޝަރަފެއް ކަމުގައި ދެކެން. ކޮއްކޮގެ ކުދި ކަންތައްތަކުން ފެށިގެން ބޮޑެތި ކަންތައްތަކުގެ ނިންމުން ނިންމުމުގައި ތިއްތަ ބައިވެރިކޮށްފައި ވުމީ، ކޮއްކޮ ތިއްތަ ދެކެ ލޯބިވާ ކަމުގެ ފުރިހަމަ ހެއްކެއް. ސްކޫލް ދައުރުގައި ވެސް ކޮއްކޮގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ދިޔަ ކޮންމެ ބައްދަލުވުމަކުން ތިއްތައަށް ލިބެމުން ދިޔައީ އުފަލުން ފުރިގެންވާ ބަސްތަކެއް. ކޮއްކޮ ތީ ތިއްތަގެ އުފަން ދަރިއެއް ފަދައިން ލޯބިވާ ތިއްތަމެންގެ ކޮއްކޮއަށް ވީތީ ފަހުރުވެރިވާ ކޮއްކޮއެއް."

ބާސިތަކީ ބަސްއަހާ، އަހުލާގު ރަނގަޅު ކިޔަމަންތެރި ކުއްޖެއް ކަމަށާއި، މަޑުމައިތިރި ނިޔަނެތި މައުސޫމް ކުއްޖެއް ކަމަށް އޭނާގެ ދައްތަ ސިފަކުރިއެވެ. ބާސިތަކީ ކޮންމެ މީހަކު ވެސް ބޭނުންވާނެ ފަދަ، ދަރިއެއް، ބޭބެއެއް، ކޮއްކޮއެއް އަދި ރަހުމަތްތެރި އެއް ކަމަށް ސިފަ ކުރަމުން އޭނާގެ ދައްތަ ބުނީ، އޭނާ އަކީ އާއިލާގެ އެންމެން ދެކެވެސް ލޯބިވާ ބޮޑެތި މީހުންނަށް އިހްތިރާމް ކުރި ކުޑަކުދިންނަށް އޯގާތެރިި މީހެއް ކަމަށެވެ.

"އެންމެން ވެސް އަބަދުވެސް ކޮއްކޮގެ ރަނގަޅު ވާހަކަ ދައްކާ. އެކަމަކު މިއަދު އެ އަޑުތައް ގަދަ ވެއްޖެ. ކިޔަވާ ދެއްވި ހުރިހާ ޓީޗަރުން ބާސީ އެމީހުންގެ ދަރިވަރަކަށް ވީތީ އުފާކުރޭ، ބާސީ ސްކޫލުގައި ރަނގަޅު ކިޔަމަންތެރި ދަރިއަކަށް ވީތީ، އޭރު ޓީޗަރުންގެ ލޯބި ހޯދި ދަރިވަރަކަށް ވީތީ" މިއަދު އެމީހުން އެވާހަކަތައް އެދައްކަނީ ބާސީ ވަކިވިކަން ގަބޫލުކުރަން ދަތިވާތީ ކަމަށް އޭނާގެ ދައްތަ ބުނެއެވެ.

ބާސިތްގެ ދައްތަ ބުނީ، ބާސިތަކީ ވަރަށް ނަސީބް ރަނގަޅު ކޮއްކޮއެއް ކަމަށެވެ. ލޯބިވާ މަންމަ އަކާއި ބައްޕަގެ އިތުރުން އޭނާ ދެކެ ލޯބިވާ ބައިވަރު ދައްތައިންނާއި ބޭބެއިން އެބަތިބި ކަމަށެވެ. މި އެންމެން އަބަދުވެސް އޭނާއަށް ހެޔޮ ދުއާ ކުރާނެ ކަމަށް ބާސިތްގެ ދައްތަ ބުނެއެވެ. އެންމެ ރަނގަޅު އެކުވެރިންނާއި ރަހްމަތްތެރިން ހިޔާރުކުރިކަން އެއީ މިއަދު ކޮއްކޮ އަށްޓަކައި ހެޔޮ ދުއާކުރަން އުފުލާނެ އަތްތައް ގިނަވާނެ ކަމުގެ ވަރަށް އަލިގަދަ ހެއްކެއް ކަމުގައި އޭނާގެ ދައްތަ ސިފަކުރިއެވެ.

"ލޯބިވާ ކޮއްކޯއެވެ. ކޮއްކޮއާ ވަކިވާން އެއްވެސް މީހަކު ތައްޔާރެއް ނޫން. އެކަމަކު މިއީ ގުދުރަތުގެ ނިޔާ. އެހެން ނަމަވެސް ތިއްތަމެންގެ ހިތުގައި އަބަދުވެސް ކޮއްކޮ ދިރިއުޅޭނެ، ކުރާ ކޮންމެ ރުކޫއަކާ، ސަޖިދައެއްގައި ކޮއްކޮ ވާނެ. އިންޝާﷲ ކުޑާމެން އެންމެން ސުވަރުގެ އިން ކޮއްކޮއާ ބައްދަލު ކުރާނަން. ޔާﷲ މިއަޅާގެ ކޮއްކޮ އަށް އެގުމުގެ ތެރެއިންނާއި ނޭނގުމުގެ ތެރެއިން ކުރެވިފައިވާ އެންމެހާ ފާފަތައް ފުއްސަވާ، ޖައްނަތުލް ފިރްދައުސް މިންވަރު ކުރައްވާށި. އަދި މިއަޅާގެ ކޮއްކޮ ޝަހީދުންގެ ދަރަޖަ ލައްވާށި." ފުން އަސަރުތަކާއި އެކު ބާސިތްގެ ދައްތަ، އޭނައަށް ލިޔުނު މެސެޖަށް ފަހު، އޭނާއަށް ހެޔޮ ރަހްމަތް ލެއްވުމަށް އެދި މާތް ﷲގެ ހަޒްރަތަށް ދުއާ ކުރިއެވެ.

ބުރާސްފަތި ދުވަހު މިދުނިޔެއާ އަލްވަދާއު ކިއި، ބާސިތްގެ މަރާ ގުޅިގެން، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑްގެ ހާއްސަ ޓީމަކުން މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުންދާ ކަމަށް ފުލުހުން ބުނެފައި ވާއިރު، މި ހާދިސާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.