2023 ގެ އިންޑިއަން އައިލަންޑަ އޯޝަން ގޭމްސް ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމަނިކުފާނުގެ ޓްވިޓާގައި ވިދާޅުވީ، 2023 ވަނަ އަހަރު ބާއްވާ 11 ވަނަ އައިއޯއަޖީ ބާއްވާ ގައުމެއް ކަމުގައި ރާއްޖެ ހޮވިފައިވާ ކަމަށެވެ. ރައީސް ސޯލިހް ވިދާޅުވީ، ރާއްޖެއިން އައިއޯއައިޖީގެ 10 އެޑިޝަންގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި، ރާއްޖޭގައި އައިއޯއައިޖީ ބާއްވާ ފަހަރަކީ އެހެން ގައުމުތަކަށް މެހެމާންދާރީ އަދާކުރަން ޖެހޭ ފަހަރުކަމަށެވެ.

އައިއޯއައިޖީ 2023 ވަނަ އަހަރު ބޭއްވުމަށް ރާއްޖެއިން ބިޑު ހުށައެޅި އިރު މަޑަގަސްކަރަ އަދި ކޮމޯރޯސްއިން ވެސް ރަސްމީކޮށް ބިޑު ހުށަހެޅިއެވެ. ރާއްޖޭގެ ފަރާތުން ބިޑު ހުށަހަޅުއްވައި ދެއްވީ މިނިސްޓާ އޮފް ޔޫތް އެންޑް ސްޕޯޓްސް އަހްމަދު މަހްލޫފެވެ.

ރާއްޖޭގެ ބިޑު ހުށަހަޅުއްވަމުން މިނިސްޓަރު މަހްލޫފް ވަނީ، މި މުބާރާތަކީ ދިވެހިންގެ ހިތްތަކާއި ގުޅިލާމެހިފައިވާ މުބާރާތެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އައިއޯއައިޖީއަކީ ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ބައިވެރިވި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްކަމާއި، ދިވެހިރާއްޖެއިން ބައިނަލްއަގްވާމީ ފުޓުބޯޅައިގައި ޖެހި ފުރަތަމަ ގޯލް ޖެހީ މި މުބާރާތުގައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މަހްލޫފް ވިދާޅުވީ ކަނޑު ހުރަސްކޮށް މި މުބާރާތުގައި ބައިވެރިވުމަށް ރާއްޖެއިން މި ސަރަހައްދުގެ އެހެން ގައުމުތަކަށް ދަތުރުކުރާތާ 40 އަހަރު ވެފައިވާ ކަމަށާއި އެންމެ ފަހަރަކުވެސް މުބާރާތުގައި ބައިވެރިނުވެ ދޫކޮށްލާފައި ނުވާނެ ކަމަށެވެ. އެކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ މިއީ ރާއްޖެއަށް މުބާރާތް ބޭއްވުމުގެ ފުރުސަތު ދޭންވީ ފަހަރުކަމަށް ވިދާޅުވެފައެވެ.

ރާއްޖެއިން 2023 ވަނަ އަހަރުގެ އައިއޯއައިޖީއަށް ބިޑު ކުރަން ނިންމުމާ ގުޅިގެން އައިއޯއައިޖީގެ ޑެލިގޭޝަން ޓީމެއް ވެސް ދާދި ފަހުން ވަނީ ރާއްޖެ އައިސް، ރާއްޖޭގެ ހާލަތު ބަލާފައެވެ.