މިއަދަކީ މުޅި ރާއްޖެ ފާހަގަކުރާ 54 ވަނަ މިނިވަން ދުވަސް ނަމަވެސް ކުރެވެނީ މިނިވަންކަން ގެއްލިފައި ވާފަދަ އިހުސާސްތަކެއް ކަމަށް ޕީޕީއެމް އަދި ޕީއެންސީ ހިމެނޭ އިދިކޮޅު އިއްތިހާދުން ބުނެފިއެވެ.

މިނިވަން ދުވަހާ ގުޅިގެން އިދިކޮޅު އިއްތިހާދުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ މިނިވަން ދުވަސް ފާހަގަ ކުރި ނަމަވެސް ކުރެވެނީ މިނިވަންކަން ގެއްލިފައި ވާފަދަ އިހުސާސްތަކެއް ކަމަށާއި އެއީ ނުރައްކާތެރި ސިގުނަލެއް ކަމަށެވެ. ސިޔަސީ މަންފާ ހޯދުމަށްޓަކައި ގައުމުގެ މިނިވަން ކަމުގެ އިންތައް ހުރަސްކުރަން ފަށައިފިނަމަ ނޭނގި ތިއްބާ މިނިވަންކަމް ގެއްލިގެން ހިނގައިދާނެ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އަދި ރާއްޖޭ ހިންގާ ގޮތާއި، މި ގައުމުގެ އިގްތިސާދު ބައްޓަން ކުރަންވީ ގޮތާއި، ދިވެހިން ކަންކަން ނިންމަންވީ ގޮތް އެނގެން ވާނީ ހުދު ދިވެހިންނަށް ކަމަށް އިދިކޮޅުން މިއަދު ނެރުނު ނޫސް ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ނޫސް ބަޔާނުގައި ބުނެފައި ވަނީ، ދިވެހި ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައި ދޭން މަސައްކަތް ކުރަން ވާނީ ދިވެހިންގެ މިނިވަންކަމަށް ބުރޫ ނާރާނެ ގޮތަށް ކަމަށާއި އެހެން ނޫންނަމަ އެ ވެވެނީ ބޮޑު ހިޔާނާތެއް ކަމަށެވެ. އަދި ބޭރުގެ ފަރާތްތަކުން އެކި ނަންނަމުގައި ދިވެހިންގެ މިނިވަންކަމުގެ ދޮރާށި ތަކުގައި ޓަކި ޖަހާއިރު، ސިޔާސީ އެކިއެކި މަންފާ ހޯދުމުގެ ގޮތުން ދިވެހިންގެ މިނިވަންކަމުގެ އިންތަކުން ބޭރު ނުވުމަށް ގޮވާލައި ކަމަށް އިދިކޮޅު އިއްތިހާދުން ބުނެއެވެ.

އަދި ހަމަހަމަކަން ގާއިމު ކޮށް މިނިވަން ކަމާއެކު ގައުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ބޭރުގެ ބާރުގަދަ ނުފޫޒު ތަކުން ކުރިމަތި ކުރަމުންދާ އެކި ކަހަލަ ޕްރެޝަރުތަކަށް ދީލާ ނުވުމަށްވެސް އިދިކޮޅުން ސަރުކާރަށް ވަނީ ގޮވާލައި ފައެވެ. މީގެ އިތުރުން ނާމާން ކަމެއްގެ ތެރެއަށް ދިވެހި ގައުމު ދާފަދަ އެއްވެސް މުއާމަލާތެއް ބޭރުގެ ފަރާތްތަކާ އެކު ނުހިންގުމަށް ހަރު އަޑުން ގޮވާލައި ކަމަށް އިދިކޮޅު އިއްތިހާދުން ބުނެއެވެ.