އިންޑިއާއާއި ޕާކިސްތާނު ހިއްސާކުރާ ކަޝްމީރުގެ އިންޑިއާއާ ވީ ފަޅީގައި އޮންނަ ޕުލްވާމާގައި މިއަހަރުގެ ކުރީކޮޅު ދިން ޓެރަރިސްޓް ހަމަލާގައި ޕާކިސްތާނުގެ އަތެއް ނުވާކަމަށް އެގައުމުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވި ވިދާޅުން ގަބޫލުކޮށް، "ދޫކޮށްލައިގެން" ތިބެގެން ނުވާނެ ކަމަށް އިންޑިއާ އަސްކަރިއްޔާގެ ޗީފް އޮފް އާމީ ސްޓާފް ބިޕިން ރާވާތު ވިދާޅުވެއްޖެއެވެ.

ޖެނެރަލް ރާވާތު ވިދާޅުވީ އިންޑިއާއަށް ހަގީގަތް އެނގޭ ކަމަށާ، ބަޔަކު ވަކި ގޮތަކަށް ބަޔާނެއް ނެރުމުން އެކަން ގަބޫލުކުރާކަށް ނުޖެހޭ ކަމަށެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ޖެނެރަލް ރާވަތު އިތުރަށް ވިދާޅުވީ ޕުލްވާމާއަށް ހަމަލާދީ ޕެރަމިލިޓަރީ 40 ފުލުހަކު މަރާލި ހާދިސާގައި ޕާކިސްތާނުގެ އަތެއްވާކަމަށް ބާރުދޭ ހުރިހާ ހެއްކެތް ލިބިފައިވާކަމަށެވެ.

ޖެނެރަލް ރާވާތު ވަނީ އިންޑިއާއާއި "ނުކުޅުމަށް" ޕާކިސްތާނަށް އިންޒާރު ކުރައްވާފައެވެ.

އިންޑިއާ އަސްކަރިއްޔާގެ އިސްވެރިއަކު މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ޕުލްވާމާ ހަމަލާއަކީ ކަޝްމީރުގެ ތެރެއިން އުފެދިގެން އައި ހަމަލާއެއްކަން ދޭހަވާ ފަދަ އިބާރާތަކުން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވާހަކަފުޅު ދައްކަވާފައިވާ ދަނޑިވަޅެއްގައެވެ.