މިއަހަރުގެ ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަތުގުޅާލުމުގެ ހަރަކާތް ކުރިޔަށް ގެންދިއުމަށްޓަކައި މިމަހުގެ 30 ވަނަ ދުވަހުގެ ހަވީރު 16:30 އިން ފެށިގެން އިރުއޮއްސި 18:00 އަށް މާލެ ވަށާ އޮންނަ ބޮޑު ތަކުރުފާނު މަގުގައި އިންޖީނުލީ އެއްގަމު އުޅަނދު ނުދުއްވާގޮތަށް ހަމަޖައްސައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، މިމަހުގެ 30 ވަނަ ދުވަހުގެ ހަވީރު 16:30 އިން ފެށިގެން 18:00 އާއި ދެމެދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އުޅަނދު ފަހަރުތަކާއި، އެމްބިއުލާންސާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަކުރެވިފައިވާ ސައިކަލާއި، ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ދެމުންގެންދާ ބަހުގެ ހިދުމަތް އަދި އެދުވަހުގެ އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އެހެން އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތައް މާލެ ވަށާ އޮންނަ ބޮޑުތަކުރުފާނު މަގުގައި ދުއްވުމަކީ "އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން މަނާކަމެއް ކަަމަށެވެ.

ޓްރާންސްޕޯޓުން ބުނީ އެ ނިންމުމަށް އަމަލުނުކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅޭނެ ކަމަށެވެ.