ޓެކްސް ނެގުމާ ބެހޭ ގާނޫނު އިސްލާހުކުރުމަށް އެޓާނީ ޖެހެނރަލް އޮފީހުން ރައީސް އޮފީހަށް ހުށަހަޅައިފިއެވެ.
އޭޖީއިން ވަނީ އެ ގާނޫނުގައި އިސްލާހު ކުރުމަށް އެދި ޖުމްލަ 4 ކަމެއް ރައީސް އޮފީހަށް ހުށަހަޅައިފައެވެ. އޭޖީ އިން މިކަމާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބޭނުމަކީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށާއި، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްސޭޝަން އަދި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްސޭޝަން، ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ތައަރަފް ކުރުމަށާ ޓެކްސް ދައްކާ ފަރާތްތަކަށް މިހާރަށްވުރެ ލުއި ގޮތްތަކެއް ހަމަޖެއްސުމަށެވެ.
އެގޮތުން އޭޖީއިން ރައީސް އޮފީހަށް ހުށަހަޅައިފައިވާ އިސްލާހު ތަކަކީ، ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާ ތަމްސީލު ކުރާނެ ފަރާތެއް މިހާރުގެ ބޯޑުގައި ހިމެނިފައި ނުވާތީ އެފަދަ ފަރާތެއް ބޯޑުގައި ހިމެނުމާއެކު ބޯޑު އެކުލެވިގެންވާ ގޮތާއި ހިންގުމުގެ ގޮތް ބަދަލު ކުރުމާއި، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްސޭޝަން އަދި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްސޭޝަން މަގާމުގެ މުއްދަތެއް މިހާރުގެ ގާނޫނުގައި ހިމެނިފައި ނުވާތީ، ދައުލަތުގެ އެހެނިހެން މަގާމުތަކެކޭވެސް އެއްފަދައިއިން އެ މަގާމުތަކުގެ މުއްދަތެއް ކަނޑައެޅުމަށާ، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްސޭޝަން އަދި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްސޭޝަން އަދި މިހާރުގެ ބޯޑުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން އޭޖީއަށް ހުށަހަޅަން ޖެހޭ ގޮތަށް ހަމަޖެއްސުމުގެ އިތުރުން ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަ ގޮތެއް ހަމަޖައްސައިދިނުމުގެ ގޮތުން ބައެއް ކަންކަން އިސްލާހުކުރުމެވެ.
އެގޮތުން މީރާއިން ނުވަތަ ކޮމިޝަނާ ޖެނެރަލްގެ ނިންމުމަކަށް އިއުތިރާޒްކޮށް މީރާއަށް މައްސަލަ ހުށަހެޅޭގޮތަށް މިހާރުގެ ގާނޫނުގައި އޮތް ނަމަވެސް، އެފަދަ ނިންމުމަކަށް މީރާއިން ގޮތެއް ނިންމަން ޖެހޭ ވަކި މުއްދަތެއް ކަނޑައަޅައިފައި ނެތުމާއި އެކު، އެކަމުގެ ސަަބަބުން ޓެކްސް ދައްކާ ފަރާތްތަކަށް ދިމާވާ ގޮންޖެހުން ތަކުގެ ސަބަބުން އެކަން ހައްލުކުރުމަށްޓަކައި މީރާއިން އެފަދަ ކަންކަމާ މެދު ގޮތެއް ނިންމާނެ ވަކި މުއްދަތެއް ގާނޫނު ކަނޑައެޅުމަށް އޭޖީއިން ވަނީ ހުށަހަޅައިފައެވެ.
އަދި ޓެކްސްގެ ގޮތުގައި މީރާއިން ދެއްކުމަށް ހިސާބުކޮށް ކަނޑައަޅާ މިންވަރާމެދު ހިތްހަމަ ނުޖެހޭ ފަރާތްތަކުން އެ އަދަދު އެއްކޮށް ދައްކައި ހަލާސްކުރުމަށް ފަހު ފިޔަވައި، ޓްރެބިއުނަލަށް މައްސަލަ ހުށަހެޅޭގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް މީރާއިން ނިންމާ އަދަދުގެ 30 ފަސެންޓު ދައްކައި ނިންމުމަށް ފަހު މައްސަލަ ޓްރެބިއުނަލަށް ހުށަހެޅޭނެ ގޮތަށް ގާނޫނުގައި އިސްލާހު ގެނައުމަށް އޭޖީއިން ވަނީ ހުށަހަޅައިފައެވެ.
މީގެ އިތުރުން މިހާރުގެ ގާނޫނުގައި އޮތްގޮތުން ޓެކްސް ގާނޫނުތަކުން ހަދާ ގަވައިދުތަކަށް ޓެކްސް ރޫލިން މެދުވެރިކޮށް ބަދަލުގެނެވެން އޮންނަ އޮތުމުގެ ސަބަބުން، އެފަދަ ގަވައިދުތަކަށް ގެނެވޭ ބަދަލަކީ ކޮބައިކަން އާންމުންނަށް އެނގެން ނެތުމުން ޓެކްސް ރޫލިން މެދުވެރިކޮށް ގެނެވޭ ބަދަލުތަކަކީ ގަވައިދުގެ ދާއިރާތަކުގެ ތެރެއިން ގެނެވޭ ރޫލިން ތަކަކަށް ހެދުމާއި، އެފަދަ ގަވައިދުތަކަށް އަމަލުކުރަން ފެށުމަށް ގާނޫނުގައި ވަކި މުއްދަތެއް ބާޔާން ކުރުމަށްވެސް އޭޖީ އިން ވަނީ އެދިފައެވެ.