ކަޝްމީރުގެ މައްސަލާގައި ޕާކިސްތާނާ މަޝްވަރާކުރުމަށް މެދުވެރިއެއްގެ ޒިންމާ އެމެރިކާއިން އުފުލައި ދިނުމަށް އެދިވަޑައިގެން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ދެންނެވި ކަމަށް ވިދާޅުވެ ޓްރަމްޕް ދައްކެވި ވާހަކަފުޅުތައް، އިންޑިއާއިން ދޮގުކޮށްފިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ރައީސް ވިދާޅުވީ، ކަޝްމީރުގެ މައްސަލައެއްގައި އެމެރިކާއިން މެދުވެރިއެއްގެ ދައުރު އަދާކޮށްދިނުމަށް ޓްރަމްޕްގެ އަރިހުން މޯދީ އެދިވަޑައިގަތީ ހުސްވި މަހު ޖަޕާނުގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައި ކަމަށެވެ.

ޓްރަމްޕް އެ ވިދާޅުވާ ބައްދަލުކުރެއްވުމަކީ އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ޖީ-ޓުވެންޓީ ސަމިޓްގެ ހަވާސާގައި މޯދީއާއި ޓްރަމްޕް ކުރިއަށް ގެންދެވި ބައްދަލުކުރެއްވުން ކަމަށް ވާއިރު، މި ބައްދަލުކުރެއްވުމުގައި އިންނެވި އިންޑިއާގެ ހާރިޖީ ވަޒީރު ސުބްރަމާނިޔަމް ޖެއިޝަންކަރު ވަނީ ޓްރަމްޕްގެ ވާހަކަފުޅުތައް ދޮގު ކުރައްވާފައެވެ.

ކަޝްމީރު މައްސަލާގައި އެމެރިކާގެ އެހީތެރިކަމަށް މޯދީ އެދިވަޑައިގެންނެވިކަމަށް ޓްރަމްޕް ވިދާޅުވުމާއެކު "ރަތަށް އަރާފައިވާ" އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ޖަވާބުދާރީ ވެވަޑައިގެން ޖެއިޝަންކަރު ވިދާޅުވީ، އެފަދަ ކަމަކަށް، އެ ބައްދަލުކުރެއްވުމުގައި މޯދީ އެދިވަޑައިގެންފައި ނުވާ ކަމަށެވެ.

އިންޑިއާގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކީ، ކަޝްމީރުގެ މައްސަލާގައި 3 ވަނަ ފަރާތެއް ޝާމިލުކުރުމާ ދެކޮޅު ބަޔަކަށްވާއިރު ޓްރަމްޕްގެ ވާހަކަފުޅުތަކާ ގުޅިގެން އިންޑިއާގެ ސިޔާސީ މަސްރަހު ވަނީ އިންތިހާއަށް ނުތަނަވަސްވެފައެވެ.

އެމެރިކާއަށް ޒިޔާރަތްކުރައްވަމުން ގެންދަވާ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންއާއި ބައްދަލުކުރެއްވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ޓްރަމްޕް ދެއްކެވި މި ވާހަކަފުޅުތަކާ ގުޅިގެން އެމެރިކާގެ ހާރިޖިއްޔާއިންވެސް ވަނީ މިކަމާ ގުޅިގެން ވާހަކަދައްކާފައެވެ. އެގޮތުން އިންޑިއާއާއި ޕާކިސްތާނުގެ ސުލްހައިގެ މަޝްވަރާތަކަށް އެމެރިކާ އަބަދުވެސް ތާއީދުކުރާނެ ކަމަށާ، ނަމަވެސް ކަޝްމީރުގެ މައްސަލައަކީ އިންޑިއާއާއި ޕާކިސްތާނުން ހައްލު ހޯދަންޖެހޭނެ މައްސަލައެއް ކަމަށް އެމެރިކާއިން ގަބޫލުކުރާކަމަށް ހާރިޖިއްޔާއިން ކުރި ޓްވީޓެއްގައި ވަނީ ފާހަގަކޮށްފައެވެ.

ޖައިޝަންކަރު ވަނީ އިންޑިއާއާއި ޕާކިސްތާނުގެ އެއްވެސް މައްސަލައެއްގެ ތެރެއަށް 3 ވަނަ ގައުމަކުން ވަނުމަށް އިންޑިއާއިން ފުރުސަތު ނުދޭނެކަމަށް ވިދާޅުވެ، އެކަން ތަކުރާރުކުރައްވާފައެވެ.