މުއައްސަސާތަކުގެ "އިންޓަގްރިޓީ ކޮމްޕްރޮމައިޒް" ކޮށްގެން ލައިވް ކުރުމަކީ މުއައްސަސާތަކުގެ އިތުބާރު ގެއްލޭނެކަމެއްކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައި ވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ޕީޖީ ބިޝާމް ހާޒިރުކޮށް، ކޮމެޓީން ސުވާލުކުރިތަން އާންމުންނަށް ފެންނަހެން ޓީވީން ލައިވްކުރުމުންނެވެ. ޕީޖީ ބިޝާމްއާއި ކޮމެޓީގެ މެންބަރުން ބޮޑަށް ސުވާލު ކުރެއްވީީ ކުރީގެ ސަރުކާރުގެ ދުވަސްވަރު ޕީޖީން ދައުވާކުރި މައްސަލަތަކާ ގުޅޭގޮތުންނެވެ. އަދި ދައުވާ ކުރުމުގައި އެއްވެސް ނުފޫޒެއް އޮތްތޯ އަދި ކޯޓުތަކުގައި ސިޔާސީ ބޭފުޅުންގެ މައްސަލަތަކުގައި ދައުލަތުގެ ސްޓޭންޑް އެކި ގޮތަށް ބަދަލުވާ މައްސަލައިގައި ވެސް ކޮމެޓީން ސުވާލު ކުރިއެވެ. އަދި ސިޔާސީ ބޭފުޅުންގެ މައްޗަށް ދައުވާ ކުރުމަށް ފަހު ވެރިކަން ބަދަލުވުމުން އެ ދައުވާތައް އަނބުރާ ގެނެސްފައިވާ ކަން ވެސް މެންބަރުން ފާހަގަ ކުރެއްވިއެވެ.

މިކަމާއި ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ދެފުއްފެންނަ ނިޒާމުގެ ތެރެއިން ކަންކަން ކުރުމަކީ ރަނގަޅު ކަމެއް ކަމަށާއި، ނަމަވެސް މުއައްސަސާތަކުގެ އެފަދަ ކަންކަން ލައިވް ކުރުމަކީ ތަންތަނުގެ އިތުބާރު ގެއްލި ސަރުކާރު ބަލިކަށިވަމުންދާކަމުގެ ހެއްކެއް ކަމަށެވެ.

އާދަމް ޝާރީފް މިހެން ވިދާޅުވެފައިވާއިރު، މިދިޔަ އާދީއްތަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ވެސް ވަނީ ޓީވީން ލައިވްކޮށްފައެވެ.