މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އަިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރާއްޖެއިން ޕެރަ އެތްލެޓިކް 100 މީޓަރު ދުވުމުން ބްރޮންޒް މެޑަލް އަދި ބީޗް ވޮލީން ރިހި މެޑެލް ހޯދައިފިއެވެ.

މިއަދު ރާއްޖެ ވާދަކުރި ބައެއް ކުޅިވަރުތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ ބައްލަވާފައެވެ. މި ކުޅިވަރުތަކުގެ ތެރޭގައި، ޕެރަ އެތްލެޓިކް 100 މީޓަރު ދުވުން، އަދި ބީޗް ވޮލީ ވެސް ހިމެނެއެވެ. ކުޅިވަރުތައް ބައްލަވާލެއްވުމަށްފަހު، ރައީސްގެ ދެކަނބަލުން ވަނީ ހާފް މެރެތަން އަދި ފުލް މެރަތަން ދުވުމުގައި ދިވެހި ކުޅުންތެރިން ބޭނުންކުރި ބޫޓުތަކުގައި ސޮއިކޮށްދެއްވާފައެވެ.

ރައީސް ސޯލިހްގެ ދެކަނބަލުން ވަނީ މިއަދެކޭ އެއްގޮތަށް އިއްޔެވެސް އައިއޯއައިޖީގައި ކުރިޔަށްދިޔަ ބައެއް ކުޅިވަރު ހަރަކާތްތައް ބައްލަވާލައްވައި ދިވެހި ކުޅުންތެރިންނަށް ހިތްވަރު ދެއްވާފައެވެ.

އައިއޯއައިޖީގައި ބައިވެރިވި ރާއްޖޭގެ ދުވުންތެރިންނާއި އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް / ފޮޓޯ: ރައީސް އޮފީސް

އެގޮތުން އިއްޔެ ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން ޓީމު ފައިނަލުގައި ކުޅެމުންދިޔަ އިރު ރައީސް ސޯލިހްގެ ދެކަނބަލުން ވަނީ އެތަނަށް ޒިޔާރަތްކުރައްވައި ތަރުހީބު ދެއްވައި ޓީމު ހޯދި ކާމިޔާބީގެ އުފާފާޅުކުރުމުގައި ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެއިތުރުން އިއްޔެ ރާއްޖޭގެ ބެޑްމިންޓަން ޓީމުގެ މެޗްތައް ވެސް ރައީސްގެ ދެކަނބަލުން ބައްލަވާލެއްވިއެވެ. ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން ޓީމު އިއްޔެ ރަންމެޑެލް ހާސިލްކޮށްފައިވާއިރު ބެޑްމިންޓަން ޓީމު ވަނީ ބްރޮންޒް މެޑެލް ހާސިލުކޮށްފައެވެ.

އައިއޯއަޖީގައި، ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމުން ރަންމެޑަލު ހޯދުމަކީ މުޅި ގައުމު ފަހުރުވެރި ވާނެކަމެއް ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ. އައިއޯއައިޖީގައި ރާއްޖޭގެ ޓީޓީ އަންހެން ޓީމުން ރަން މެޑަލް ހޯދީ، އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތް ބާއްވާ ގައުމު މޮރިޝަސް ބަލިކޮށެެވެ. މިއީ ބައިނަލްއަގްވާމީ މަލްޓި ސްޕޯޓްސް ގޭމްސްއަކުން ރާއްޖެ އަށް ޓީމު އިވެންޓަކުން ރަން މެޑަލް ލިބުނު ފުރަތަމަ ފަހަރެވެ.