ބައިނަލްއަގުވާމީ މުޖުތަމައަށް ބަލާއިރު ނިސްބަތުން ކިތަންމެ ކުޑަ ގައުމަކަށް ވީ ނަމަވެސް، ދުނިޔޭގެ ނިސްބަތުން ބިޔަ އަދި ބާރުގަދަ ގައުމަކާއެކު ދެ ފަރާތަށް ވެސް ބިނާކުރަނިވި ފައިދާތަކެއް ލިއްބައިދޭ ގުޅުމެއް ދެމެހެއްޓިދާނެ ކަމުގެ ރީތި މިސާލު، ދިވެހިރާއްޖެ އާއި ޗައިނާގެ ރަހުމަތްތެރިކަމުގެ ގުޅުމުން ހެކި ދޭ ކަމަށް، ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެ ނޫހަށް ދެއްވި ބަސްދީގަތުމަކާ ހަވާލާދީ ޗައިނާގެ ރަސްމީ ހަބަރު ފަތުރާ ޝިންހުއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޗައިނާ އާއި ދިވެހިރާއްޖޭގެ ގުޅުން އާ ހަރުފަތަކަށް ގެންގޮސް، ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރުމަށް ރާއްޖޭގެ އަދުގެ ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖެ އާއި ޗައިނާގެ ގުޅުން ބަދަހި ކުރެވިފައިވަނީ ޒަމާންވީ ހަރުދަނާ ބިންގަލެއްގެ މަތީގައި ކަމަށާ، މި ގުޅުން ބިނާވެފައި އޮތީ ކޮންމެ ގައުމަކަށް ވެސް އިސްތިގުލާލީ ހަމަހަމަކާ، ސަރަހައްދީ މިނިވަންކަމުގެ ނަޒާހާތްތެރި ފިކުރާ ގަބޫލުކުރުންތަކުގެ މައްޗަށްކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވި ކަމަށް ޝީންހުއާގެ ރިޕޯޓްގައި ބުނެއެވެ.
ދޭދޭ ގުޅުންތައް ކުރިއަށްނެރެ، އިގުތިސޯދީ ކުރިއެރުންތައް ހޯދުމަކީ ޗައިނާއަކީ ދިވެހިރާއްޖެ އަށް މުހިންމު ބައިވެރިއެއް ކަމަށާ، ކުރިއަށް އޮތް އަހަރުތަކުގައި މި ގުޅުން އިތުރަށް ބަދަހި ކުރައްވާ ހަރުދަނާ ކުރެއްވުމަށް އަމިއްލަ ގޮތުން ވެސް މަސައްކަތްޕުޅުތަކެއް ކުރައްވާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި ކަމަށް ވެސް ޝީންހުއާއިން ބުނެއެވެ.
ރާއްޖެއަކީ ޗައިނާގެ އިގުތިސޯދީ ކެމްޕޭން "ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް"ގެ ސަޕޯޓަރެއް ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިކަން ފާހަގަކޮށް ޝީންހުއާއިން ބުނީ، ޗައިނާއިން ގެންގުޅޭ "ވަން ޗައިނާ ޕޮލިސޫ"އަށް ވެސް ދިވެހިރާއްޖޭގެ ތާއީދު އޮތްކަމަށް ދިވެހި ހާރިޖީ ވަޒީރު ވިދާޅުވެފައިވާ ކަމަށެވެ.
ދިވެހިރާއްޖެ އާއި ޗައިނާގެ ގުޅުމާ ބެހޭ ގޮތުން މިނިސްޓަރު ޝާހިދާ ހަވާލާދީ ޝީންހުއާއިން މިފަދަ ރިޕޯޓެއް އާންމުކޮށްފައި މިވަނީ، ދިވެހި ސަރުކާރާ ޗައިނާގެ ގުޅުންތައް ހީނަރުވެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން އަޑުފަތުރަމުންދާ ދަނޑިވަޅެއްގައެވެ.