ހުރަވީ ބިލްޑިން ކައިރިން މިއަދު ސައިކަލުގައި ދިޔަ މީހެއްގެ ބޮލަށް އެތަ ހުންނަ ގަސްތަކުން ގަހެއްގެ ގޮފިގަނޑެއް ވެއްޓި އަނިޔާވެފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގީ މިއަދު 10:35 ހާއިރު ކަމަށޭވެ. އެ ގަޑިއަކީ މިއަދު ބާރަށް ވައިޖެހި މާލެއަށް ބޯކޮށް ވާރޭ ވެހުނު ގަޑިއެކެވެ.

ފުލުހުން ބުނީ އަނިޔާވި މީހާ މިހާރު ފުލުހުންގެ ވެހިކަލެއްގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދާކަމަށެވެ. އެހެން ނަމަވެސް އަދި އޭނާ އަށް ލިބުނު އަނިޔާއާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން އާންމުކޮށްފައެއް ނުވެއެވެ.

މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާ ގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް 12 ސަރަހައްދަކަށް ވައިޓް އެލާޓު ނެރެފައެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި މިއަދު މާލެއަށް ވަނީ ބާރަށް ވައިޖެހުމާ އެކު ވާރޭ ވެހިފައެވެ.