އަސްކަރީ އިމުގެ ތެރެއިން އަފްޣާނިސްތާނުގެ މައްސަލައަށް ހޯދޭނެ ހައްލެއް ނެތް ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.

މިވަގުތު އެމެރިކާއަށް ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ އިމްރާން ހާން ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށްވެސް މިކަން ފަހުމްކޮށްދެއްވާނެ ކަމަށެވެ.

އެމެރިކާގައި ދިރިއުޅެމުންދާ ޕާކިސްތާނުގެ ރައްޔިތުންނާ، ޕާކިސްތާނު ސަރުކާރުގެ ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ، "ތޯލިބާން އިމްރާން"ގެ ނަމުން އެމަނިކުފާނާ މުހާތަބު ކުރެވުނު ކަމަށާ، ނަމަވެސް އެމަނިކުފާނަކީ އެއްވެސް ހާލެއްގައި އަސްކަރީ ބާރުގެ ތެރެއިން އަފްޣާނިސްތާނުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ގަބޫލުފުޅުކުރައްވާނެ ފަރާތެއް ނޫންކަމަށެވެ.

"ތޯލިބާން ހާން"ގެ ނަމުން އިމްރާންއަށް މުހާތަބުކުރެވެން ފެށީ، ހަނގުރާމަ ތޯލިބާނުންގެ ދިފާއަށް މަސައްކަތްކުރައްވާކަމުގެ ތުހުމަތުގައެވެ.

މިދަނޑިވަޅުގައި، ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަޙްމޫދު ޤުރައިޝީ ވިދާޅުވީ ޕާކިސްތާނަކީ އަބަދުވެސް ސަރަހައްދީ ސުލްހައަށް މަސައްކަތްކުރާ ގައުމެއް ކަމަށާ، ޓެރަރިޒަމް ނައްތާލުމަށް ޕާކިސްތާނުންވެސް ބުރަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ.

އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދުގެ ވަގުތެއްގައި ޓްރަމްޕާވެސް އިމްރާން ބައްދަލުކުރައްވާނެ ކަމަށް ޚަބަރު ލިބެއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދާނީ ވައިޓްސް ހައުސްގައެވެ.