އީރާނުގެ ދައުލަތުގެ މީޑިއާގެ ޓްވިޓާ އެކައުންޓްތައް ސަސްޕެންޑް ކުރަން ޖެހުނީ، ވަކި ފިކުރެއްގެ ބަޔަކަށް ކުރިމަތި ކުރަމުން ދިޔަ ފުރައްސާރަ ކުރުން ތަކުގެ ސަބަބުން ކަމަށް ޓްވިޓާ ކުންފުނިން ބުނެފިއެވެ.

އީރާނުގެ ދައުލަތުގެ މީޑިއާގެ ގޮތުގައި ހިންގާ ގިނަ އައުޓްލެޓް ތަކެއްގެ ޓްވިޓާ އެކައުންޓްތައް ސަސްޕެންޑް ކޮށްފައިވާ މިދަނޑިވަޅަކީ އީރާނާ އެމެރިކާ، އަދި ވިލާތުގެ ގައުމުތަކާ ދެމެދު ނުތަނަވަސް ކަމެއް އުފެދިފައިވާ ދަނޑިވަޅެކެވެ. އީރާނުގެ ދައުލަތުގެ މީޑިއާ އައުޓްލެޓް ތަކުން ބުނާ ގޮތުގައި އެ އިދާރާތަކުގެ ޓްވިޓާ އެކައުންޓްތައް ސަސްޕެންޑް ކޮށްފައި ވަނީ ހޮރްމޫޒު ކަނޑުއޮޅިން ވިލާތުގެ ބޯޓަކަށް ހުރަސްއެޅި މައްސަލައިގެ ކަވަރޭޖާ ގުޅިގެންނެވެ.

ނަމަވެސް ޓްވިޓާއިން ބުނީ އީރާނުގެ ރަސްމީ އެކައުންޓްތަކެއް ސަސްޕެންޑް ކުރަން ޖެހުނީ އީރާނުގައި ބައިމަދު ދީނީ ފިކުރެއްގެ މީހުންނަށް ފުރައްސާރަ ކުރަމުން ދިއުމުގެ ސަބަބުންނެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން ދާނެ ކަމަށްވެސް ޓްވިޓާއިން ވަނީ ބުނެފައެވެ.

ކަންމިހެން އޮތް އިރު އެކައުންޓް ސަސްޕެންޑް ކޮށްފައި ވަނީ ކީއްވެކަން ރަސްމީކޮށް އަންގާފައި ނުވާކަމަށް އީރާނުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.