ބައިނަލްއަގުވާމީ މަސްރަހަށް ބަލާއިރު ފަލަ ސުރުހީއިން ޖާގަ ހޯދަމުންއަންނަ އެއް ޚަބަރަކީ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއާއި ބައްދަލު ކުރެއްވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވެވަޑައިގަންނަވާ ޚަބަރެވެ. އިމްރާން އެމެރިކާއަށް ވަޑައިގެން ޓްރަމްޕާ ބައްދަލުކުރައްވާ ކުރެއްވުން ހާއްސަވާ އެންމެ ބޮޑު ސަބަބަކީ، ދުނިޔޭގެ އިގުތިސޯދީ ހަތުރުންގެ ގޮތުގައި އޮވެ، އިގުތިސޯދީ ހަނގުރާމައެއް ކުރަމުންދާ އެމެރިކާއާއި ޗައިނާގެ ފަރާތުންވެސް ޕާކިސްތާނުން ފައިދާތަކެއް ނަގަން ބޭނުންވާކަން ހާމަވާތީއެވެ.

ދެކުނު އޭޝިއާ ސަރަހައްދަކީ ދުނިޔޭގެ ބާރުވެރިކަމަށް މުހިންމު ސަރަހަދަކަށްވުމާއެކު މި ސަރަހައްދަށް ޗައިނާއާއި އެމެރިކާގެ ކަޅި އަމާޒުވުމާއެކުހެން ޗައިނާއިން ގިނަ ގައުމުތަކެއްގެ ހިތް އަތުލިއެވެ. ތަރައްގީގެ ނަމުގައި މަޝްރޫއުގެ ނަމުގައި ނުސީދާ ގޮތުން ގައުމުތައް ދަރުވާލައިގެން ކުރިއެރުންތަކެއް ގެނެސްދީ، ހަގީގީ ބައިވެރިޔަކީ ޗައިނާކަމުގައި އެ ގައުމުތަކަށް ކަށަވަރުކޮށްދިނެވެ. ދެކުނު އޭޝިއާގެ ގިނަ ގައުމުތަކެއް މި އަވާގައި ޖެހުނު ނަމަވެސް، އެގޮތުގައި ދެމި އޮތް ހަމައެކަނި ގައުމަކީ ޕާކިސްތާނެވެ. ދެކުނު އޭޝިއާ ސަރަހައްދުގައި އޮތް ޗައިނާގެ "އިހުލާސްތެރި" ބައިވެރިއަކީ ޕާކިސްތާނެވެ.

ކަންމިހެންއޮތްއިރު، ޗައިނާގެ ހަތުރު އަދި ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެމެރިކާއާއި ވީ ކޮޅަށް ޗައިނާއިން ބުރަވާންވީ ކީއްވެ ހެއްޔެވެ. ޗައިނާއާއި ޑިޕްލޮމެޓިކް އިމުގެ ތެރެއިން ކައިވެންޏެއް ކޮށްގެން ހުރެ، އެމެރިކާގެ ފަރާތުން ފައިދާތަކެއް ހޯދަން ޕާކިސްތާނު މިހާރު އޮތީ އަތުކުރި އޮޅާލާފައިކަމީ ދެބަސްވެވެން ނެތް ހަގީގަތަކެވެ.

ހާރިޖީގުޅުންތަކުގެ މުރާސިލުން މި ސުވާލުގެ ޖަވާބު ވަރަށް ސަރީހަށްކޮށްދީފިއެވެ. އަމިއްލައަށް އަރުވާލެވިގެން ފަރަންސޭސިވިލާތުގައި ދިރިއުޅެމުން އަންނަ ޕާކިސްތާނުގެ ނޫސްވެރިޔާ ތޯހާ ސިއްދީގީ ބުނާ ގޮތުގައި އެމެރިކާގެ އަސްކަރީ އަދި މާލީ އެހީތެރިކަން ޕާކިސްތާނަށް މިހާރު އޮތީ އިންތިހާއަށް ބޭނުންވެފައެވެ. އަފްޣާނިސްތާނުގެ މައްސަލައިގެ އިތުރުން އީރާނާ ދެކޮޅަށް ހަނގުރާމައެއް ކުރަންޖެހިއްޖެ ހިނދެއްގައި އެމެރިކާއަށް ޕާކިސްތާނު އިންތިހާއަށް މުހިންމުވާނެކަން ޕާކިސްތާނުގެ ލީޑާޝިޕުން ރަނގަޅަށް ދެނެގަނެފައިވާކަން ތޯހާ ފާހަގަކުރިއެވެ. އެހެންވީއިރު، ޕާކިސްތާނުން އެދަނީ ލިބުނު ފުރުސަތުގައި އެމެރިކާ ދޮވެލަމުންތާއެވެ.

އެމެރިކާއަށް ފަރުވާލެއް ނެތްތާއެވެ. އެމެރިކާގެ ހަމައެކަނި މަގުސަދަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ޗައިނާއިން ވަރުގަދަ ކުރަމުންދާ ފިޔަވަޅުތިލަ ފޮހެލުމެވެ. ވީއިރު ޕާކިސްތާނު ފަދަ އިސްތިރާޖީ މުހިންމުކަން ބޮޑު ގައުމަކުން "މަތިންބައިންޖެހިގެން" އެމެރިކާ ފަހަތުން ދުވުމުން އެކަމަށް އެމެރިކާއިން އިޖާބަ ނުދޭންވީ ސަބަބެއް ނެތްކަންވެސް ތޯހާ ވަނީ ފާހަގަކޮށްފައެވެ.

މާޒީގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެޅެން ހުރި ހުރިހާ ގޮތަކުން އެމެރިކާ ވަނީ ޕާކިސްތާނަށް ހުރަސް އަޅާފައެވެ. އެހީގެ އެތައް މަގުތަކެއްގައި ރޯޑްބުލޮކް ޖަހާ ބަންދުކޮށްފައެވެ. މިހާހިސާބުން އުފެދޭ ސުވާލެއް އެބައޮތެވެ. ޕާކިސްތާނަށް ކުރި ލިބޭ ގޮތަށް އެމެރިކާއިން އެހީތެރިކަމެއް ފޯރުކޮށްދީފާނެ ބާއެވެ؟