އަމިއްލަފުޅު އެކައުންޓުގައި ހުރި ފައިސާއަކީ ގެދޮރު ކުއްޔަށް ދެއްވައިގެންނާއި، އާއިލީ އިންކަމް އަދި އިންތިހާބު ތަކުގައި ކެމްޕޭނަށް ލިބިވަޑައިގެންނެވި ފައިސާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި އެމަނިކުފާނުގެ އެކައުންޓުގައި ހުރި ފައިސާގެ ތަފްސީލު ހާމަ ކުރައްވަމުން ވިދާޅުވީ އެ މަނިކުފާނަކީ 1993 ވަނަ އަހަރު، އަދި އޭގެ ކުރިންވެސް އަމިއްލަ ގެދޮރު ކުއްޔަށް ދޫކުރައްވައިގެން ފައިސާ ލިބިވަޑައިގެންނަވާ ބޭފުޅެއް ކަމަށާއި، އަނބިކަނބަލުންނަކީ ވެސް ތަނަވަސް ބޭފުޅެއް ކަމަށެވެ.

ފެމިލީ އިންކަމްގެ އިތުރުން ސޭވްކުރައްވައިފައި ހުރި އިންކަމް އަކީ އެކައުންޓުގައި ހުރި ފައިސާގެ ތެރެއިން ބައެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އަމިއްލަ ފުޅު އެކައުންޓުގައި ހުރި އަނެއްބައި ފައިސާއަކީ އިންތިހާބު ތަކުގައި ލިބިވަޑައިގެންނެވި ކެމްޕޭން ފައިސާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އަމިއްލަފުޅު އެކައުންޓުގައި ފައިސާ ހުރެގެން މައްސަލައެއް ކަމަށް ވެގެން ނުވާނެ ކަމަށެވެ. އަދި އެއީ މައްސަލައެއް ކަމުގައި ވާނަމަ ތަހުގީގީ އިދާރާ އަކަށް ގެންގޮސް އެކަން ސާފު ނުކުރައްވަނީ ކީއްވެގެންތޯ އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.

"އަޅުގަނޑު ކުރެން، ތަހުގީގު އިދާރާއަކުން ގޮސް ކުރެވޭނެ ސުވާލެއް ވިއްޔާ ސާފުކުރައްވަން ވީ ނޫންތޯ މިއީ ކޮންތާކުން ހޯދި ފައިސާއެއްތޯ؟ މީހެއްގެ އަތުގައި ފައިސާ ހުރެގެން ސުވާލު ކުރެވޭ ކަމުގައި ވަންޏާ ސުވާލު ކުރަންވީ. އެކަމަކު ސަރުކާރުން ދެއްތޯ އަޅުގަނޑު ފައިސާ ނަގާކަމުގައި ވަންޏާ، ދައުލަތުން ދެއްތޯ ދައްކަންވީ އަޅުގަނޑު ގާނޫނާ ހިލާފަށް އުފައްދާފަހުރި ފައިސާ ހުރިތޯ. ނުހުންނާނެ ގާނޫނާ ހިލާފަށް ނަގާފަހުރި ފައިސާއެއް،"
ކުރީގެ ރައީސް އަބްދުﷲ ޔާމީން

އެމަނިކުފާނު ވިދާޅުވީ އަމިއްލަފުޅު އެކައުންޓުގައި 100 މިލިއަން ރުފިޔާ ހުރެގެން، އޭގެ ތެރެއިން ގާތްގަނޑަކަށް 45 ޕަސެންޓް ފައިސާއަކީ އެމަނިކުފާނުގެ އާމްދަނީ ކަމަށެވެ. އަދި 1993 އިން ފެށިގެން އެމަނިކުފާނު އާމްދަނީ އެއްކުރައްވަމުން ގެންދެވި ކަމަށާ، ދެން ހުރި ފައިސާ އަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ތެރެއިން ލިބިވަޑައިގެންނެވި ކެމްޕޭން ފައިސާގެ ތެރެއިން ބަހައްޓަވާފައި ހުރި ފައިސާ ކަމަށެވެ.

"ދެން އަންނަ ރިޔާސީ އިންތިހާބަށް ވެސް ހަރަދު ކުރަން، އަދި ރައްޔިތުންގެ މަޖިލީހަށް ވެސް ހަރަދުކުރަން. މީހަކު އަތުގައި ފައިސާ ހުރުމަކީ އެއްގޮތަކަށް ވެސް އެމީހާ ސަރުކާރުގެ ފައިސާ ނަގައިގެން ކުރި ވައްކަމަކަށް ވާކަށް ނުޖެހޭ ދެއްތޯ؟ ކެމްޕޭން ފައިސާ އަމިއްލަ ފުޅު އެކައުންޓުގައި ބަހައްޓަން ޑިކްލެއާ ކޮށްފަ އޮތް ވާހަކަ މާލީ ބަޔާނުގައި އޮންނާނެ،"
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީންގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ފައިސާ ވަން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމާބެހޭ ފަރާތްތަކުން އަންނަނީ ބަލަމުންނެވެ. މި މައްސަލައިގައި ތަހުގީގީ އިދާރާތަކުން ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައިވާ ކަމަށެވެ.

މި މައްސަލައިގައި ދައުލަތުން ވަނީ ހިޔާނާތުގެ ފައިސާ އަމިއްލަފުޅު އެކައުންޓަށް ލޯންޑާ ކުރި މައްސަލައެއް ކުރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. މަނީ ލޯންޑަރިންގެ މައްސަލާގައި ރައީސް ޔާމީންގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ވެސް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފުލުހުން ފޮނުވާފައި ވެއެވެ.

މަނީ ލޯންޑަރިންގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، ރައީސް ޔާމީނާއި އާޒިމާގެ މައްޗަށް ދައުވާ ކުރަން ފުލުހުންގެ އިދާރާއިން ފޮނުވާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުއެވެ. ދައުވާ ކުރަން ޕީޖީ އޮފީހަށް އެމައްސަލަ ފޮނުވުމަށް ފަހު ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އިރު ގާނޫނާއި ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގަވާފައި ވާކަމަށް ތުހުމަތުކުރެވި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާއި ގުޅިގެން، ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން އެފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީން ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ.

އަދި އެފައިސާ ލޯންޑާކޮށް، އެފައިސާއާއި ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގި ތަހުގީގާއި ގުޅިގެން ހިންގި މުއާމަލާތްތަކުގައި ދައުލަތުގެ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު މިމައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިފައިވާ ކަމުގައެވެ.