ފާއިތުވެދިޔަ ހަފުތާ އެއްކޮށްހެން ނިމި މިދިޔައީ "ފޭސްއެޕް"އިން މުސްކުޅިކޮށްލި އެކުވެރިންނަށް ބަލަބަލާ ތިއްބައެވެ. މި އެޕްލިކޭޝަނަކީ ރަޝިޔާގެ ކުޑަ ކުންފުންޏަކުން އުފެއްދި އެޕްލިކޭޝަނެއް ކަމާ، މިއީ ސަލާމަތީ ގޮތުން މާ ރައްކާތެރި ނޫން އެޕްލިކޭޝަން މިހާރުވާނީ ގެނެސްދެވިފައެވެ. މި ވާހަކަތައް ކިތަންމެ ވަރަކަށް ދައްކައިގެންވެސް ވީ ކަމެއް ނެތެވެ. "ފޭސްއެޕް" ކާފައެއް ނޫނީ މާމައެއް ނުފެނި ސޯޝަލް މީޑިއާއިން ސަފުހާއެއް އެއްލޭ ގޮތެއް ނުވެއެވެ.

އެހެންކަމުން، މި އެޕްލިކޭޝަނަކީ "100" ދޭ ވަރުގެ އެޕްލިކޭޝަނެއްތޯ ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ ބަޔަކު ދަނީ ތަޖުރިބާ ކުރަމުންނެވެ. އެގޮތުން ފުރަތަމަ ހިއްސާކޮށްފައި މިވަނީ އިއާން މެކިލަން ނުވަތަ "ދަ ލޯޑް އޮފް ދަ ރިންގްސް"ގެ ގަންޑާލްފްގެ ފޮޓޯތަކެކެވެ. ވާތުގައި އެވާ ފޮޓޯއަކީ އިއާން މެކިލަންގެ އުމުރުން 20 އަހަރުގައި، 1968 ހިސާބުގައި ނަގާފައިވާ ފޮޓޯއެކެވެ. މެދުގައި އެވަނީ ފޭސްއެޕް ބޭނުންކޮށްގެން އެ ފޮޓޯ މުސްކުޅި ކުރުމުން ލިބުނު ނަތީޖާއެވެ. ކަނާތް ފަރާތުގައި އެވަނީ އިއާން މެކިލަންގެ އުމުރުން 75 އަހަރުގައި ނަގާފައިވާ އަސްލު ފޮޓޯއެވެ.

މަޝްހޫރު އެކްޓާ އިއާން މެކިލަން/ފޮޓޯ ގެޓީއިމޭޖަޒް ފޭސްއެޕް

ޑޭވިޑް އެޓެންބަރާއަށް ބަލާއިރު ވާތް ފަރާތުގައި އެވަނީ އޭނާގެ އުމުރުން 39 އަހަރުގައި ނަގާފައިވާ ފޮޓޯއެކެވެ. ކަނާތްފަރާތުގައި އެވަނީ މިހިނގާ 2019 ވަނަ އަހަރު، ނުވަތަ އެޓެންބަރާގެ އުމުރުން 93 އަހަރުގައި ނަގާފައިވާ ފޮޓޯއެކެވެ. މެދުގައި އެވަނީ ފޭސްއެޕްގެ ނަތީޖާއެވެ.

ޓީވީ އުފެއްދުންތަކުން ގިނަ ބައެއްގެ ލޯބި ހޯދި ޑޭވިޑް އެޓެންބަރާ/ފޮޓޯ ގެޓީއިމޭޖަޒް ފޭސްއެޕް

މި ޓެސްޓުން އާނޯލްޑް ޝްވެޒެނެގާއަށްވެސް ސަލާމަތެއް ނުވެވުނެވެ. ވާތް ފަރާތުގައި އެވަނީ 1976 ވަނަ އަހަރު އޭނާ ނަގާފައިވާ ފޮޓޯއެވެ. ކަނާތް ފަރާތުގައި އެވަނީ އޭނާގެ އުމުރުން 74 އަހަރުގައި ނަގާފައިވާ ފޮޓޯއެކެވެ. އެއީ މިއަހަރު ނަގާފައިވާ ފޮޓޯއެކެވެ. ފޭސްއެޕްގެ ނަތީޖާ އެވަނީ މެދު ފޮޓޯގައެވެ.

މަޝްހޫރު އެކްޓާ އާނޯލްޑް ޝުވެޒެނެގާ/ފޮޓޯ ގެޓީއިމޭޖަޒް ފޭސްއެޕް

މި ތަސްވީރުތަކަށް ބަލައިގެން އިންސާފެއް ލިބޭނަމަ ލިބުނީއެވެ. އެންމެ ބުއްދިވެރި ގޮތަކީ މުސްކުޅި ވީމާ ހުންނަ ގޮތް ބަލާލަން، އެދުވަހެއް އަންނަންދެން މަޑުކޮށްލުމެވެ. ހައިރާންވާކަމަކީ މުސްކުޅިވެ، މޫނަށް ރުލެއް އަރާފާނެތީ ލިބުނުހާ އަގު ބޮޑު ފައުންޑޭޝަންތަކާ ކުލަތައް ހާކައިގެން އުޅޭއިރު މިފަދަ އެޕްލިކޭޝަނެއްގެ އަވާގައި ޖެހޭނެ މީހުންވެސް ތިބޭތީއެވެ.