ޖާސޫސު ކުރުމުގެ ކުށުގެ ތުހުމަތުގައި ޕާކިސްތާނުގައި ހައްޔަރުކޮށް، މަރުގެ ހުކުމް އިއްވާފައިވާ އިންޑިއާގެ އަސްކަރީ އޮފިޝަލު ކުލްބުޝާން ޔާދަވްއަށް ކޮންސިއުލާ ހިދުމަތް ފޯރުކޮށްދިނުމަށް ޕާކިސްތާނުން ނިންމައިފިއެވެ.

ޕާކިސްތާނުގައި ހުންނަ އިންޑިއާގެ ކޮންސިއުލާ އޮފީހުގެ އެހީތެރިކަން ކުލްބުޝާންއަށް ފޯރުކޮށްދިނުމަށް ޕާކިސްތާނުން އެންމެފަހުން އެއްބަސްވެފައި މިވަނީ، ކުލްބުޝާންގެ މައްޗަށް މަރުގެ ހުކުމް އިއްވި މައްސަލައާއި ގުޅިގެން އދގެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް އިންޑިއާއި ހުށަހެޅި ދައުވާގެ ހުކުމާ ގުޅިގެންނެވެ.

އައި.ސީ.ޖޭގެ ހުކުމުގައި، ޕާކިސްތާނުން ހައްޔަރުކޮށްފައިވާ އިންޑިއާގެ ނޭވީ އޮފިސަރު ކުލްބުޝާން ޔާދަވްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް މުރާޖައާ ކުރުމަށް ވަނީ ގޮވާލާފައެވެ.

ކުލްބުޝާންގެ މައްޗަށް މަރުގެ ހުކުމް އިއްވި މައްސަލަ ބަލަމުންދާ އައި.ސީ.ޖޭއިން ބުދަ ދުވަހު އިއްވި ހުކުމުގައި ބުނެފައިވަނީ، އިންޑިއާގެ ކޮންސިއުލާ އޮފީހުގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ކުލްބުޝާންއަށް ޕާކިސްތާނުން ދީފައި ނުވާއިރު، އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ޕާކިސްތާނުން ހިންގާފައިވާ އަމަލެއް ކަމަށެވެ. މީގެ އިތުރުން، ކުލްބުޝާންއަށް ލިބިފައިވާ ހައްގުތައް އޭނާއަށް ބަޔާންކޮށްދިނުމަށް ޕާކިސްތާނު ފެއިލްވެފައިވާކަމަށާ، ކުލްބުޝާންއާއި ވާހަކަދެއްކުމަށް އިންޑިއާގެ ސަރުކާރަށް ލިބިދީފައި އޮތް ހައްގަށްވެސް ޕާކިސްތާނުން ހުރަސް އަޅާފައިވާކަމަށް އައި.ސީ.ޖޭއިން ބުނެއެވެ.

ޕާކިސްތާނުގެ ފަސްގަނޑުގައި އިންޑިއާއަށް ފާރަލާދޭ ކަމުގެ ކުށުގެ ތުހުމަތުގައި ޕާކިސްތާނުން ހައްޔަރުކުރީ 2016 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އޭގެ އަހަރެއްހާ ދުވަސް ފަހުން، އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ ޕާކިސްތާނުގެ އަސްކަރީ ކޯޓަކުންނެވެ.

ކުލްބުޝާންއަށް ކޮންސިއުލާ ހިދުމަތްތައް ފޯރުކޮށްދެވޭނެކަން ބަޔާންކޮށް ޕާކިސްތާނުން ބުނީ ޕާކިސްތާނަކީ ޒިންމާދާރު ގައުމެއް ކަމަށާ، ޕާކިސްތާނުގެ ގާނޫނު އަސާސީގެ އިމުގެ ތެރެއިން، ކޮންސިއުލާ ހިދުމަތުގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ކުލްބުޝާންއަށް ފަހިކޮށްދެވޭނެ ކަމަށާ، އެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންވެސް ވަނީ، ކުލްބުޝާންގެ މައްސަލާގައި އަމަލުކުރަމުންދާނީ ގާނޫނީ އިމުގެ ތެރެއިންކަން ކަށަވަރުކޮށްދެއްވާފައެވެ.

ކުލްބުޝާން ހައްޔަރުކުރި މައްސަލާގައިވެސް ތަފާތު ގޮތްގޮތަށް ދަނީ ވާހަކަ ދެކެވެމުންނެވެ. ޕާކިސްތާނުން ބުނާ ގޮތުގައި ކުލްބުޝާން ހައްޔަރުކޮށްފައިވަނީ ބަލޫޗިސްތާނުންނެވެ. މި ސަރަހައްދަކީ ޕާކިސްތާނުގެ ސަރުކާރުން ތުހުމަތުކުރާ ގޮތުގައި އިންޑިއާގެ އެއްބާރުލުމާއެކު ހަނގުރާމަވެރިން އަތްގަދަ ކޮށްފައިވާ ސަރަހައްދެކެވެ. ނަމަވެސް، އިންޑިއާއިން ބުނާ ގޮތުގައި ކުލްބުޝާން ހައްޔަރުކޮށްފައިވަނީ އޭނާ އީރާނުގައި ހުއްޓާ "ވަގަށްނަގައިގެން" ނެވެ.