ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާ ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާކުރި ވެހިކަލްތަކުގައި ޖަހާފައިވާ ޗައިނާ އެއިޑް ނިޝާން ފޮހެމުން ނުދާކަމަށާއި، ދައުރުވަމުން ދަނީ އެ ނިޝާން ވެހިކަލްގެ އެހެންތަނަކަށް ބަދަލުކުރުމަށް މަސައްކަތް ކުރި އިރުގެ ފޮޓޯއެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ، ރަތް ކުލައިން ވެހިކަލް ތަކުގައި ޖަހާފައިވާ ޗައިނާ އެއިޑްގެ ނިޝާން ފޮހެމުންދާ ކަމަށް ބުނެ ދައުރުވަމުންދާ ފޮޓޯތަކާއި ގުޅިގެންނެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ޗައިނާ އެއިޑްގެ ނިޝާން ފޮހެމުން ދާކަމަށް ދައުރުވަމުންދާ ފޮޓޯތަކަކީ އެ ނިޝާން ވެހިކަލްގެ އެހެންތާކަށް ބަދަލުކުރުމަށް މަސައްކަތް ކުރަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ކަމަށެވެ. އަދި ނިޝާން އިންތަނުން އެހެންތަނަކަށް ބަދަލުކުރަން ނިންމީ ފުލުހުންގެ ނިޝާނާ ދިމާލުގައި ޗައިނާ އެއިޑް ނިޝާން އޮތުމުން އެކަތި އަނެކެއްޗަށް އަރާތީ ކަމަށެވެ.

ފުލުހުން ބުނީ ޗައިނާ އެއިޑް ނިޝާން ފޮހެނުލާނެ ކަމަށެވެ. އަދި ޗައިނާއިން ދީފައިވާ ވެހިކަލްތަކުގައި އެނިޝާން އަބަދުވެސް އޮންނާނެ ކަމަށެވެ.