ހަފުތާ ނިމިގެންދާއިރު ފޭސްބުކުން އެންމެ ގިނައިން ފެންނަމުންދިޔަ އެކައްޗަކަށްވީ "ފްރެންޑްސް" ލިސްޓުގައި ތިބި މީހުން މީގެ އަހަރުތަކެއް ފަހުން، މުސްކުޅިވެފައި ހުންނާނެ ކަމަށް ލަފާކޮށް ޓެކްނޮލޮޖީގެ އެހީގައި ފަރުމާކޮށްފައިވާ ފޮޓޯތަކެކެވެ. ވާނުވާ ބަލާލިއިރު މިއީ "ފޭސްއެޕް"ގެ ނަމުގައި އަލަށް ތައާރަފުކުރި އެޕްލިކޭޝަނެއްގެ އަވާގައި ޖެހިގެން އުޅޭ ބަޔަކު ކުރަމުންދާ ކަމެއްކަން އެނގުނެވެ. އަދި އެވަރުން ނުފުދިގެން، މި އެޕްގެ ހަގީގަތް ބަލާލީމެވެ.

ކަމަކުދާކަށް ނެތެވެ. ފޭސްއެޕްއަކީ ސައިބާސެކިއުރިޓީގެ ސަލާމަތަށް ވަކާލާތު ކުރާ ފަރާތްތަކުން އިންތިހާއަށް ކަންބޮޑުވާ އެޕަކަށްވެއްޖެއެވެ. މި އެޕަކީ ރަޝިޔާގެ ކުޑަ ކުންފުންޏެއް ކަމަށްވާ "ވަޔަލަސް ލެބް" ނަމަކަށް ކިއާ ކުންފުންޏެއްގެ އީޖާދެކެވެ. ރަޝިޔާއިން އެޕްލިކޭޝަނެއް އުފައްދައިފިނަމަ އެކަމާ ދެވަނަ ވިސްނުމަކަށް ދާންނުޖެހޭ ފަހަރެއް ހަމަ ނޯވެއޭވެސް ދެންނެވިދާނެއެވެ.

ފޭސްއެޕްގެ "ޓާމްސް އެންޑް ކޮންޑިޝަންސް" ރަނގަޅަށް ކިޔާލާއިރު، ތިބާ އަޕްލޯޑްކުރާ ފޮޓޯއަކީ ހީވެސް ނުކުރާ ކަންކަމުގައި ބޭނުންކުރެވިދާނެ ފޮޓޯއެއްކަމަށް ބުނެފައިވެއެވެ. ދިވެހިންނަކީ ގިނަ ފަހަރަށް މި ބަޔާން ކިޔާވެސް ބައެއް ނޫންކަމުން، ފޮޓޯ ބޭނުން ކުރުމަށް ތިބާގެ އިއުތިރާޒެއް ނެތްކަމަށް އިލެކްޓްރޯނިކް ސޮޔަކާއެކު ސިއްކަޖަހާދެވެއެވެ.

ސައިބާ ސެކިއުރިޓީގެ ތަޖުރިބާކާރު ރޮބާޓް ސިސިލިއާނޯ ބުނާ ގޮތުގައި މަޖަލަށް ކަމުގައި ވިއަސް ހުއްދަ ތިޔަ ދޫކޮށްލެވެނީ ހީވެސް ނުކުރާހާ ގިނަ މައުލޫމާތުތަކެއްގެ ނާޖައިޒު ފައިދާ ނެގުމަށެވެ. ފޭސްބުކް އިން ހިންގި "ކޭމްބްރިޖް އެނަލެޓިކާ"ގެ ޖަރީމާގެ ހަނދާން ނެތޭހާ ދުވަސްވެއްޖެ ހެއްޔެވެ؟

ސިސިލިއާނޯ ބުނާ ގޮތުގައި ފޭސްއެޕްއަކީ ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީއާއި ގުޅިފައިވާ އެޕްލިކޭޝަނަކަށްވާއިރު، ގައުމުތަކުގެ ސަރުކާރުން މިކަން ބޭނުންކުރަން ވެއްޖެ ނަމަ ހާލަތު ވަރަށް ގޯސްވުން އެކަށީގެންވެއެވެ.

ފޭސްއެޕްއިން މީގެ ކުރިން ތައާރަފުކުރި ހިދުމަތް ތަކުގެ ތެރޭގައި، ހަމުގެ ކުލަ ބަދަލުކުރާ ފީޗާއާއި، ޖިންސް ބަދަލުކުރާ ފީޗާ ފާހަގަކުރެވެއެވެ. މި މަޅީގައިވެސް ޖެހުނީކީ މަދު އަދަދެއްގެ ދިވެހިންނެއް ނޫންކަން ހިތާމައާއިއެކުގައި ފާހަގަކުރަންޖެހެއެވެ.

ފޭސް އެޕްގެ ޕްރައިވަސީ ޕޮލިސީގައި ބުނެފައިވާ ގޮތުން ހިދުމަތް ލިބިގަންނަ ފަރާތުން ފޯރުކޮށްދޭ މައުލޫމަތަކީ އެމީހާ ނިސްބަތްވާ ގައުމު ނޫން އެހެން ގައުމުތަކުގެ ކަމާ ބެހޭ ފަރާތްތަކުން ބޭނުންވެއްޖެ ހިނދެއްގައި ފޯރުކޮށްދެވޭނެ މައުލޫމާތު ކަމަށް ބުނެފައިވެއެވެ. ކަންމިހެން އޮތްއިރު، އެޕްލިކޭޝަން ބޭނުން ކުރާ ފަރާތްތަކުން އަޕްލޯޑް ކުރާ މައުލޫމާތު ރައްކާ ކޮށްފައި ހުންނަ ސާވަރުގެ ސަލާމަތްތެރިކަމާމެދުވެސް ބޮޑެތި ސުވާލުތަކެއް އުފެދެއެވެ.

ކަންމިހެން އޮތްއިރު އެންމެ ނުތަނަވަސްވާ ކަންބޮޑުވުމަކީ، އެޕްލިކޭޝަންއާއި ގުޅުން ހުރު އެއްވެސް މައްސަލައެއް ކޯޓާ ހަމައަށް ނުގެންދާނެ ކަމަށް އެޕްލިކޭޝަން ޑައުންލޯޑް ކުރާއިރު އަމިއްލައަށް އިގުރާރު ވާކަމެވެ. މިމާއްދާ މިހެން އޮތުމުން، ފޭސްއެޕްގެ ސަބަބުން ކުރިމަތިވާ ބޮޑު ގެއްލުމަކަށް ކޯޓު މަރުހަލާގެ ތެރެއިން ބަދަލު ހޯދޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.