ބޭންކް އޮފް މޯލްޑިވްސް އިން އެސެޓް ރިކަވަރީ ކޮމިޝަންގެ މައްޗަށް ކުރާ ދައުވާގެ ތެރެއަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަދެއްޖެއެވެ.

އޭސީސީން ބުނީ ބީއެމްއެލުން ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެން އެސެޓް ރިކަވަރީގެ މައްޗަށް ދައުވާ ކުރާ، ދައުލަތުގެ އިދާރާއެއްގައި ހިމެނޭ އިދާރީ ތަބީއަތުގެ ދައުވާގެ މައްސަލައަށް އޭސީސީން ތަދައްހުލްވުމަށް ހުށަހަޅާފައިވާ ކަމަށެވެ.

ބީއެމްއެލުން އެސެޓް ރިކަވަރީ ކޮމިޝަނާއި ދެކޮޅަށް ކުރި ދައުވާ އަށް ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ހައްލެއް ނުލިބުމުން، އެ މައްސަލަ ވަނީ ޝަރީއަތަށް ހުށަހަޅާފައެވެ.

ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ ފަރާތުން އެ މައްސަލައިގައި ތަމްސީލު ވަނީ ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުންނެވެ. ބޭންކުގެ ފަރާތުން ވަކާލާތު ކުރައްވަނީ ގާނޫނީ ވަކީލް ޝާހީން ހަމީދެވެ.

މިއަދު ޑިސްޕިއުޓްގައި ބޭއްވި އެ އަޑުއެހުމަށް ނޫސްވެރިން ވައްދާފައި ނުވާ އިރު، ސިވިލް ކޯޓުން ބުނީ ޑިސްޕިއުޓް މަރުހަލާގައި ހައްލެއް ނުލިބުމުން މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ގާޒީ ނިންމެވި ކަމަށެވެ.