އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ އަމިއްލަ މަސްލަހަތު ހިމެނޭކަމަށް ދިފާއުގައި އާޒިމާ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރަކަށް ހުންނެވި އިރު ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާއާއި ގުޅިގެން މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމަށް ފަހު އާޒިމާ ވިދާޅުވީ މިމައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ޕީޖީ ބިޝާމްގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަމެއް ކަމަށެވެ. އަދި އެ ދައުވާއެއް އޭނާގެ މައްޗަށް ނުކުރެވޭނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދައުވާގެ ސީޣާގައި ބަޔާން ކޮށްފައި ވަނީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް ތުހުމަތުކުރެވޭ ފައިސާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްލާމިކް ބޭންކްގައިވާ އެކައުންޓަށް ޖަމާކޮށްފައި ވަނިކޮށް، އެފައިސާއިން މަންފާ ހޯދުމަށްޓަކައި އެބޭންކުގައި ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އިންވެސްޓްމަންޓް އެކައުންޓަކަށް ޖަމާކޮށް އިންވެސްޓް ކޮށްފައިވާ "މައްސަލައިގައި" އޭނާ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރަކަށް ހުންނަވާ، އެކަމަށް މަގު ފަހި ކޮށްދެއްވި ކަމަށް ބުނެ ކުރާ ދައުވާއެއް ކަމަށެވެ.

އާޒިމާ ވިދާޅުވީ ދައުވާއާ ގުޅޭގޮތުން އޭނާއަށް ލިބިވަޑައިގެންފައިވާ ލިޔުންތައް ދިރާސާ ކުރެއްވި އިރު، ފާހަގަ ކުރެއްވުނީ، އެއީ ޕީޖީ ބިޝާމްގެ އަމިއްލަ މަސްލަހަތެއް އޮތް ނުވަތަ "ކޮންފްލިކްޓް އޮފް އިންޓްރެސްޓް" އޮތުމުގެ ސަބަބުން އޭނާއަށް ކުރެއްވޭނެ ދައުވާއެއް ނޫންކަމަށެވެ.

"މިއީ ޤާނޫނީ ގޮތުން ސައްހަ ދައުވާއެއް ނޫންކަމުގައި ފާހަގަކުރަމެވެ. އެހެނީ މައްސަލައިގެ ލިޔެކިޔުންތަކުން އެނގޭގޮތުން، ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފުން ފައިސާ ޖަމާކޮށްފައިވަނީ މި ދައުވާގައި ބުނާ މަގާމަށް އަޅުގަނޑު އައްޔަނުކުރެވުމުގެ މާކުރިންނެވެ. އަދި އޭރު އަޅުގަނޑުގެ މައްޗަށް ދައުވާކުރާ ޒިންމާތައް ދައުލަތުގައި އަދާކުރައްވަން ރައީސްއޮފީހުގައި ހުންނެވީ މިހާރުގެ ޕީޖީ އައިޝަތު ބިޝާމެވެ."
އައިޝަތު އާޒިމާ ޝަކޫރު

އާޒިމާ ވިދާޅުވީ މި ދައުވާގައި ހިމެނޭ ޖިނާއީ "މައްސަލަ" ކަމުގައި ސީޣާގައި ބަޔާން ކޮށްފައިވާ "މައްސަލަ" އަކީ އޭނާއަށް އެނގިވަޑައިގަތުމާއި ބައިވެރިވުން އޮވެގެން ހިނގާފައިވާ ކަމެއް ނޫންކަމަށެވެ. އަދި އެއާ ހިލާފަށް މިއީ ބިޝާމް، އޭނާގެ މަގާމުގެ ބޭނުން ކުރައްވައިގެން، އޭނާގެ ބައިވެރިވުން ނުވަތަ އިހުމާލު އޮތް ޖިނާއީ އަމަލެއް ފޮރުވައި، އެއަށް ޖަވާބުދާރީ ވުމުންނާއި އެކަމުގެ ނަތީޖާ ތަކުން ރެކުމަށް ކުރައްވާފައިވާ ގާނޫނާ ހިލާފު އަމަލެއް ކަމުގައި އާޒިމާ ވިދާޅުވިއެވެ.

އަދި މިދައުވާ ކޮށްފައިވާ ގޮތަށް ބަލާއިރު، މުއާމަލާތުގައި މަނީ ލޯންޑަރިންގެ އަމަލު ހިމެނިފައި ވާނަމަ، އެކަން ފުރިހަމަ ވެފައިވަނީ ބިޝާމް އެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ހުންނެވި އިރުގައި ހިނގައި ގޮސްފައިވާ ކަންކަމުގެ މައްޗަށް ކަމަށް ވުމުން، އެއީ ބިޝާމްގެ އިހުމާލު ނުވަތަ ބައިވެރިވުން އޮތް ކަންކަން ކަމުގައި އާޒިމާ ވިދާޅުވިއެވެ.

އަދި މި ދައުވާ ފަރުމާ ކޮށްފައި ވަނީ، އެކަންކަން ފާޅުނުވާނެ ގޮތަށް އަދި ބިޝާމް ގެ ދައުރު ނުފެންނާނޭ ގޮތަށް އޭގޭ ފަހުން ހިނގާފައިވާ ކަންކަންވެސް އެއީ ކުށުގެ ރުކުންތަކެއް ކަމުގައި ހިމަނައިގެން ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގެ ތާރީހުގައި ހިނގާފައިވާ ފައިސާގެ އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގައި، ފިޔަވަޅު އެޅުއްވިކަން ދެއްކެވުމުގެ ގޮތުން އަމިއްލަ އަމަލުތައް ފޮރުވައި ވަރަށް ފަރުވާތެރި ކަމާއެކު ޑްރާފްޓް ކޮށްފައިވާ ވަރަށް ވެސް އަންޕްރޮފެޝަނަލް އަދި ގާނޫނާ ހިލާފު އަމަލެއް ކަމަށް އާޒިމާ ވިދާޅުވިއެވެ.

"އެމްއެމްޕީއާރުސީގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކޮށް ނިންމާ، އެ މައްސަލައިގެ ރިޕޯޓު ދައުވާކޮށް ދިނުމަށް އެދި، އެކަމަނާގެ [ބިޝާމް] އަތްޕުޅަށް ފޮނުވާފައިވާތާ 1 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި، ނަމަވެސް އެކަމާބެހޭ ގޮތުން އޭނާ އެއްވެސް ފިޔަވަޅެއް އަޅުއްވާފައިނުވާކަމަށާއި، އެމްއެމްޕީއާރްސީގެ ފައިސާ ހޯދުމަށް އެއްވެސް ކަމެއް ކުރައްވާފައިނުވާކަން އޭސީސީން ދާދި ފަހުން ހާމަކުރެއްވި ކުރެއްވުމުން އެމްއެމްޕީއާރްސީގެ މައްސަލައިގައި ބިޝާމްގެ ތަޢައްސުބު އޮތް މިންވަރު ހާމަވެގެންދެއެވެ،"
އައިޝަތު އާޒިމާ ޝަކޫރު

އާޒިމާ ވިދާޅުވީ އެމްއެމްޕީއާރސީގެ ހިޔާނާތުގެ މުޅި މައްސަލަ ހިނގާ ނިމި ގޮސްފައި ވަނީ ނޮވެމްބަރު 14، 2015 ގައި ޕީޖީގެ މަގާމް ބިޝާމް ހަވާލުވުމުގެ ކުރިން، ރައީސް އޮފީހުގެ ގާނޫނީ ޒިންމާތަކާއި އަދި ދައުލަތުގެ މުހިންމު ގާނޫނީ ޒިންމާތަކަކާއި ހަވާލުވެ ހުންނެވި އިރު، އަދި އެމްއެމްޕީއާރްސީގެ މައްސަލައިގައި ދައުލަތުގެ އެކި ފެންވަރުގެ ވެރިންގެ މަސްލަހަތުތައް ހުރިކަން ފެންނަން ހުރިއިރު، އަދި މި މައްސަލައިގައި ވެސް ރައީސް އޮފީހުގެ ލިޔުންތަކާއި ނިންމުންތައް ހެކީގެ ގޮތުގައި ހުށަހަޅާފައި ވާ އިރު މި މައްސަލައަކީ، ބިޝާމްގެ ސީދާ މަސްލަހަތެއް އޮތް މައްސަލައެއްކަން ސާފުކޮށް އެނގިވަޑައިގަންނަވާކަމަށް ވިދާޅުވެފައިވެއެވެ.

އަދި، ޖިނާއީ މައްސަލައެއްގައި އެމީހެއްގެ ސީދާ ބައިވެރިވުން ނުވަތަ އިހުމާލުވުން އޮތް ކަމެއްގައި ތަހުގީގު ގައިދު ކޮށް ދައުވާ ކުރުމުގެ ނިންމުންތައް ބަލައި އެންމެ މަތީ ނިންމުންތައް ނިންމުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނާ ހިލާފު ކަމެއްކަން ފާހަގަ ކުރައްވައި މި ދައުވާއަކީ ސައްހަ ދައުވާއެއް ނޫންކަމަށް އާޒިމާ ފާހަގަ ކުރެއްވިއެވެ.