ބޮލީވުޑްގެ މަޝްއޫރު ތަރި ޝާހް ރުކް ހާން އޭނާގެ އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޝާހް ރުކް ހުރި ފޮޓޯއެއް ވަނީ އާންމުވެފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ރާއްޖެއައިސްފައި ވަނީ އޭނާގެ 3 ދަރިންނާއި އަދި އަންހެނުންނާއި އެކުގައެވެ.

ޝާރުކް ހާން އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ "ޒީރޯ" އިންނެވެ. މި ފިލްމް ރިލީސް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ ފިލްމުގެ ލީޑް ރޯލުން ފެނިގެންދަނީ ސާހްރުކް ހާންގެ އިތުރުން ސަލްމާން ހާން، ކެޓްރީނާ ކެއިފް އަދި އަނުޝްކާ ޝަރްމާ އެވެ. އެ ފިލްމަކީ ކުރު މީހެއްގެ ދިރިއުޅުން ދައްކުވައިދޭ ރޮމޭންޓިކް ކޮމެޑީއެކެވެ.

ބޮލީވުޓްގެ ތަރިންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލަކަށް ރާއްޖެ ވަނީ ވެފައެވެ. ބޮލީވުޑްގެ ބައެއް މަޝްއޫރު ތަރިން ކަމުގައިވާ ދީޕިކާ ޕާޑުކޮން، އަމީތާބް ބައްޗަން، ޖެކޮލީން ފެނާންޑަސް އަދި ކެޓްރީނާ ކެއިފް ވެސް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.

ޝާހް ރުކް ގެ އިތުރުން މިއުޒިކް ބޭންޑް ޖޮނަސް ބްރަދާޒްއިން ގިނަ ބައެއްގެ ސަމާލުކަން ހޯދި އެމެރިކާގެ ޒުވާން ލަވަކިއުންތެރިޔާ އަދި މިއުޒިކީ ފަންނުވެރިޔާ ޖޯ ޖޮނަސްއާއި އޭނާގެ އަންހެނުން ސޯފީ ޓާނާ ވެސް ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.