ރޭގެ ވަގުތެއްގައި ގދ. ތިނަދޫގައި ހުންނަ ޕޯސްޓު އޮފީސް ފަޅާލައިފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ތިނަދޫ ޕޯސްޓު އޮފީސް ފަޅާލައި އެތަނުގައި ހުރި ޕާރުސަލްތައް ކަނޑައި އެއިން ވައްކަން ކޮށްފައި ވާކަމަށެވެ. އަދި އެތަނުގައި ހުންނަ ތިޖޫރީއެއް ފަޅައިލަން މަސައްކަތް ކޮށްފައި ވީނަމަވެސް އެކަން ކާމިޔާބު ވެފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

މިހާތަނަށް މިކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ވާކަމުގެ މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ މި މައްސަލަ މިހާރު ބަލަމުން ދާކަމަށެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ވަނީ ހަމަ އެއަތޮޅު ރަތަފަންދޫގެ ފިހާރައެއް ފަޅާލައި އެތަނުން ގިނަ އަދަދެއްގެ ފައިސާއާއި ސިނގިރޭޓު ވަގަށް ނަގާފައެވެ. އެ މައްސަލައާ ގުޅިގެންވެސް ފުލުހުން ވަނީ 21 އަހަރާއި 27 އަހަރާއި 19 އަހަރުގެ ފިރިހެނެއްގެ އިތުރުން 17 އަހަރުގެ ކުޑަކުއްޖެއް ވެސް ހައްޔަރުކޮށްފައެވެ.

އާމުންނާއި ދައުލަތުގެ މުދާ ރައްކާތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ފުލުހުން ކުރަމުން ދިޔަ ނަމަވެސް ދުވަހެއް ދުވަހަކަށް ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވަމުން ދާކަމަށް ފުލުހުން ބުނެއެވެ.