ޑިޒްނީގެ އެކްޝަން ކާޓޫން ފިލްމް "ދަ ލަޔަން ކިންގް" ދުނިޔޭގެ ހުރިހާ ހިސާބުތަކަކަށް ރިލީޒް ކުރުމާ ދިމާކޮށް އެ ފިލްމުގައި ހިމެނޭ "ސްޕިރިޓް" ލަވައިގެ ހާއްސަ ވީޑިއޯ ވާޝަންއެއް ރިލީޒްކޮށްފިއެވެ.

މަޝްހޫރު ލަވަކިއުންތެރިޔާ ބިޔޯންސޭ ނޯލްސް ހުށަހަޅާދީފައިވާ "ސްޕިރިޓް" ލަވައިގެ މުޒިކް ވީޑިއޯ ޕްރިމިއާ ކޮށްފައިވަނީ އޭބީސީއިންނެވެ.

4 މިނެޓާ 30 ސިކުންތަށް ދެމިގެންދާ މި މިއުޒިކް ވީޑިއޯ ވާޝަންގައި ފެނިގެންދަނީ އެފްރިކާ ބައްރުގެ ހިތްގައިމު މަންޒަރުތަކެކެވެ. މީގެ އިތުރުން "ދަ ލަޔަން ކިންގް" އެނިމޭޓާޑް ފިލްމުގެ ބައެއް މަންޒަރުތައްވެސް މި ލަވައިގެ އެކި ހިސާބުތަކުގައި ވަނީ ހިމަނާފައެވެ.

ބިޔޮންސޭ ވަނީ "ދަ ލަޔަން ކިންގް" އެނިމޭޓަޑް ކާޓޫން ފިލްމުގެ ކެރެކްޓާއަކަށް އަޑުވެސް އަޅާ ދީފައެވެ.

"ސްޕިރިޓް"ގެ މިއުޒިކް ވީޑިއޯއާއި ބެހޭ ގޮތުން ބިޔޯންސޭ ބުނީ މިއީ "އެފްރިކާއަށް ފޮނުވާ ލޯބީގެ ސިޓީ"އެއް ކަމަށާ، މި ވީޑިއޯއަކީ އެފްރިކާ ބައްރުގެ ވަޒަންވެރިންގެ ހުނަވެރިކަންވެސް ދައްކުވާދޭނެ ވީޑިއޯއަކަށްވާނެ ކަމަށެވެ.

މި ލަވައަކީ ބިޔޯންސޭގެ ކުރިއަށް އޮތް އަލްބަމް "ދަ ލަޔަން ކިންގް: ދަ ގިފްޓް"ގެ ޓައިޓްލް ސޯންގްއެވެ.