މިއުޒިކް ބޭންޑް ޖޮނަސް ބްރަދާޒްއިން ގިނަ ބައެއްގެ ސަމާލުކަން ހޯދި އެމެރިކާގެ ޒުވާން ލަވަކިއުންތެރިޔާ އަދި މިއުޒިކީ ފަންނުވެރިޔާ ޖޯ ޖޮނަސްއާއި އޭނާގެ އަންހެނުން ސޯފީ ޓާނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ދާދި ފަހުން ކައިވެނީގެ ގޮށް ޖަހާލި ޖޯ ޖޮނަސް އާއި ސޯފީ ރާއްޖެ އައިސް އުޅެނީ ހަނީމޫނު ހެދުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

ޖޯ އާއި ސޯފީގެ ސޯޝަލް މީޑިއާ ޕޯސްޓުތަކަށް ބަލާއިރު މި ޖޯޑު މިވަގުތު ތިބީ ސޮނޭވާ ފުށީގައެވެ.

"ގޭމް އޮފް ތްރޯންސް"ގެ ތަރި ސޯފީއާއި ޖޯގެ ލޯބީގެ ގުޅުން ފެށުނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. އެއަށްފަހު 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މި ޖޯޑުވަނީ އެންގޭޖުވެފައެވެ. ޖޯއާއި ސޯފީގެ ކުށްލި ކައިވެނި އޮތީ މިދިޔަ މަހު، ލޮސް އެންޖަލީސްގައެވެ. އަދި އާއިލާއާއި ގާތް ރަހުމަތްތެރިންނާއެކު ކައިވެނީގެ ދެވަނަ ހަފުލާއެއް ދާދިފަހުން ފަރަންސޭސިވިލާތުގައިވެސް ވަނީ ބާއްވާފައެވެ.

ބޭރު ގައުމުތަކުގެ ސެލެބްރިޓީންގެ މެދުގައި ދިވެހިރާއްޖެއަކީ މަގުބޫލު މަންޒިލެކެވެ. އެގޮތުން ބޮލީވުޑްގެ ރަސްގެފާނު ޝާހް ރުކް ހާންއާއި އޭނާގެ އާއިލާވެސް ރާއްޖޭގައި މިވަގުތު ތިބިކަމުގެ ޚަބަރުތަކެއް ވަނީ ފެންމަތިވެފައެވެ.