ބައިނަލްއަގުވާމީ ފެންވަރުގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އައި ނުރައްކާތެރި ޑްރަގްލޯޑް ހުއާކީން ގުޒްމަން ނުވަތަ "އެލް-ޗާޕޯ"، އެމެރިކާގެ އެންމެ ސެކިއުރިޓީ ވަރުގަދަ ޖަލަށް ބަދަލު ކުރުމަށް ނިންމައިފިއެވެ.

އެލް ޗާޕޯ ވަނީ މިހާތަނަށްވެސް 2 ފަހަރެއްގެ މަތިން މަތީ ފެންވަރުގެ ސެކިއުރިޓީ ޖަލުތަކެއް ފަޅާލައިގެން "މިނިވަން" ވެފައެވެ. މިތަނުން އެ ފަހަރު އޭނާ ޖަލުން ފިލީ، އޭނާ އިން ގޮޅިން 1 މޭލު ދިގު ބިންގަރާހެއް ކޮނެގެންނެވެ.

3 ވަނަ ފަހަރަށް އެލް ޗާޕޯ ފިލިޔަ ނުދިނުމުގެ މަގުސަދުގައި ބުރޫކްލީންގެ ފަނޑިޔާރަކު ވަނީ އެމެރިކާގެ ކޮލަރާޑޯގައި ހުންނަ "ސުޕާމެކްސް" ޖަލަށް އެލް ޗާޕޯ ގެންދިއުމަށް ހުކުމްކޮށްފައެވެ.

"ސުޕާމެކްސް" ޖަލަކީ ދުނިޔެއަށް މަޝްހޫރު، އެންމެ ވަރުގަދަ އަދި އެންމެ ނުބައި ކުށްވެރިން ބޭތިއްބުމަށް އެމެރިކާއިން ތައްޔާރުކޮށްފައިވާ ޖަލެކެވެ. 1994 ވަނަ އަހަރު މި ޖަލު ހުޅުވިފަހުން އެޖަލަށް ލީ އެއްވެސް މީހަކަށް އަދި މިހާތަނަށް އެ ޖަލުން ފިލިފައެއް ނެތެވެ.

"އަލްކަޓްރާޒް އޮފް ދަ ރޮކީޒް"ގެ ނަމުން ވަނަން ދެވިފައިވާ "ސުޕާމެކްސް" ޖަލުގައި މިހާރުވެސް 376 ގައިދީއަކު ތިބިއިރު މީގެ ތެރޭގައި 1993 ވަނަ އަހަރު ވާލްޑް ޓްރޭންޑް ސެންޓަރުގައި ބޮން ގޮއްވާލި ރަމްޒީ ޔޫސުފް، ބޮސްޓަން މެރަތަންގައި ބޮން ގޮއްވާލި ޒޯހާރު ޒާނޭފް، ސެޕްޓެމްބަރު 11ގެ ހަމަލާތައް ރޭވުމުގައި އިސްކޮށް އުޅުނު ޒަކަރިއްޔާސް މޫސާއޫއީ ފާހަގަކުރެވެއެވެ.

"ސުޕާމެކްސް" ޖަލުގައި ތިބޭ ގައިދީން، ދުވާލުގެ 24 ގަޑިއިރުގެ ތެރެއިން 23 ގަޑިއިރު ހޭދަކުރާނީ އެމީހުންގެ ގޮޅިތަކުގައެވެ. މި ގޯޅިތަކުގައި ހުންނަނީ އެންމެ ޖާލިގަނޑެކެވެ. 42 އިންޗީގެ ބޮޑުމިނުގެ މި ޖާލިގަނޑު ކަނޑާފައި ހުންނަނީ އުޑު ނޫން ތަނެއް ނުފެންނަ ގޮތަށެވެ. ގޮޅިތަކުގައި ތިބެގެން ޓީވީ ބެލުން ފަދަ ކަންކަން ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ދުވާލަކު 6 ފަހަރެއްގެ މަތިން ބޯ ގުނުމުގެ މަސައްކަތް މި ޖަލުގައި ކުރިއަށް ގެންދެއެވެ.

އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން އެންމެ އެލް ޗާޕޯ ހައްޔަރުކޮށްފައިވަނީ މެކްސިކޯ މަގުން އެތައް ޓަނެއްގެ މަސްތުވާތަކެތި އެމެރިކާއަށް އެތެރެކުރަން އުޅުނު ކަމުގެ ކުށުގައި މިއަހަރުގެ ފެބުރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.