މަތިވެރިވެގެންވާ ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ސައުދީ އަރަބިއްޔާ ދަތުރުކުރަމުންދާ ޙައްޖުވެރިންނަށް ހާއްސަކޮށްގެން ސިމްކާޑާއި އިންޓަނެޓް އެކްސެސް، އެއްވެސް އަގަކާ ނުލާ، ހިލޭ ހަދިޔާކުރަމުން އެބަދެއެވެ.

ސައުދީ އަރަބިއްޔާގެ ކިންގް ޢަބްދުލްޢަޒީޒު އިންޓަނޭޝަނަލް އެއާޕޯޓުން ސައުދީއަށް އެތެރެވާ ޙައްޖުވެރިންނަށް ޙާއްސަކޮށްގެން 1 މިލިއަން ސިމްކާޑާއި އިންޓެނެޓް އެކްސެސް ބެހުމަށް ހަމަޖެހިފައިވާކަމަށް ޚަބަރު ލިބެއެވެ.

މިއީ ޙައްޖުގެ އަޅުކަން އެދިގެން ސައުދީއަށް ޒިޔާރަތްކުރާ މީހުންނާ އެމީހުންގެ އުފަން ވަޒަނުގައި ތިބި އާއިލާ މެމްބަރުންނާ ފަސޭހަ ކަމާއެކު ގުޅާލަ ދިނުމަށް ސައުދީއިން ފަށާފައިވާ ކެމްޕޭންގެ ތެރެއިން ހިންގާ ހަރަކާތެކެވެ.

ސައުދީ އަރަބިއްޔާގެ ކިންގް ޢަބްދުލްޢަޒީޒު އިންޓަނޭޝަނަލް އެއާޕޯޓުން ސައުދީއަށް އެތެރެވާ ޙައްޖުވެރިންނަށް ޙާއްސަކޮށްގެން އެގައުމުން ބަހާ ސިމްކާޑާއި އިންޓަނެޓް ޕެކޭޖު ހަދިޔާ ކުރަނީ/ފޮޓޯ: އެސްޕީއޭ

މައުލޫމާތު ލިބޭ ގޮތުގައި ސައުދީއަށް ދަތުރުކުރާ ޙައްޖުވެރިންނަށް މި ހަދިޔާ ދިނުމުގައި އެއާޕޯޓުގައި 24 ގަޑިއިރު ހަރަކާތްތެރިވާ ޓީމުތަކެއް ތިބޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

ސައުދީ އަރަބިއްޔާއިން ދަނީ ޙައްޖުވެރިންނަށް ލުއިފަސޭހަ ކަމާއެކު ޙައްޖުގެ އަޅުކަން އަދާކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. އެގޮތުން ޙައްޖުގެ އަޅުކަމާ ގުޅިފައިވާ ސަރަހައްދުތަކުގެ ޓްރެފިކް ފްލޯއަށްވެސް ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު ސައުދީއަށް ދާނެކަމަށް ބެލެވޭއިރު، މިހާރުވެސް އެތައް ހާސް ބަޔަކު ވަނީ ސައުދީއަށް އެތެރެވެފައެވެ.