ޕްރައިމްޓައިމް އެމީ އެވޯޑްސް ނޮމިނޭޝަންގެ ތާރީހުގައިވެސް އެއް އަހަރު ދުވަހުގެ ތެރޭ އެންމެ ގިނަ ނޮމިނޭޝަން ހޯދި ޓީވީ ސީރީޒްގެ ޝަރަފު، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ސިލްސިލާ ޑްރާމާ "ގޭމް އޮފް އޮފް ތްރޯންސް"ގެ ފައިނަލް ސީޒަންއިން ކަށަވަރުކޮށްފިއެވެ.

މިއަހަރުގެ އެމީ ނޮމިނޭޝަން ލިސްޓު އަންގާރަ ދުވަހު އާންމުކުރިއިރު، "ގޭމް އޮފް ތްރޯންސް" ސީޒަން ފިނާލޭއިންވަނީ 32 ކެޓަގަރީއަކުން ނޮމިނޭޓްވެފައެވެ.

އެޗް.ބީ.އޯގެ މި ސީރީޒްއާއި އެންމެ ގާތުންވެސް އެމީ އެވޯޑްސް ނޮމިނޭޝަން ލިސްޓުގެ އެންމެ ކުރީގައި ދެން އޮތީ 1950ގެ އަހަރުތަކުގައި އުޅުނު އަންހެނެއްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ "ދަ މާވެލަސް މިސިޒް މޭޒަލް" އެވެ. އެއީ 20 ނޮމިނޭޝަންއާއިއެކުގައެވެ.

އެމީ އެވޯޑްސްގެ 70 އަހަރުގެ ދިގު ތާރީހަށް ބަލާއިރު އަދިވެސް އެންމެ ކާމިޔާބު ޓީވީ ޝޯގެ ގޮތުގައި އޮތީ ހަމަ "ތްރޯންސް"އެވެ. މިހާތަނަށް މިސީރީޒްއިންވަނީ ޖުމުލަ 161 ކެޓަގަރީއަކުން ނޮމޮނޭޓްވެފައެވެ.

މިފަހަރުގެ އެމީ އެވޯޑްސް ނޮމިނޭޝަން ލިސްޓުގެ އެންމެ ކުރިން 3 ވަނަ ޖާގަ ހޯދާފައިވަނީވެސް އެޗް.ބީ.އޯގެ އުފެއްދުމެކެވެ. އެއީ 19 ނޮމިނޭޝަން ނޮޑްއާއިއެކު "ޝެރްނޮބީލް"އެވެ. "ސެޓަޑޭ ނައިޓް ލައިވް" އޮތީ 18 ނޮމިނޭޝާން ނޮޑްއާއިއެކު 4 ވަނާގައެވެ.

އެމީ އެވޯޑްސްއަށް ނޮމިނޭޓްވެފައިވާ ފަރާތްތަކަށް ވޯޓުލުމުގެ "ފައިނަލް" މަރުހަލާގެ ވޯޓުލުން މިހާރު ފެށިގެންދާއިރު، ނަތީޖާ އިއުލާން ކުރުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެމެރިކާގެ ލޮސް އެންޖަލީސްގައި ކުރިއަށް ގެންދާ ކުލަ ގަދަ ހަފުލާއެއްގައެވެ.