ރާއްޖޭގެ އެންމެ ގިނަ ދުވުންތެރިން އިންތިޒާރުކުރާ އަދި ދުވުމުގެ އެންމެ ބޮޑު އިވެންޓު ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް އަންނަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގައި ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނީ، މި ދުވުން އޮންނާނީ 5 ކިލޯމީޓަރާއި 10 ކިލޯމީޓަރުގެ ދެ ކެޓަގަރީ ކަމަށާއި، މި އަހަރުވެސް މި ދުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭގައެވެ.

މި އަހަރުގެ ރޭހުގެވެސް ޝިޔާރަކީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުން ކަމަށް ދިރާގުން ބުނެއެވެ. އަދި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި އުޅޭ މަދަނީ އެކި ޖަމިއްޔާތަކާއި އެންޖީއޯތައް މިއިވެންޓުގައި ބައިވެރިވެ އިވެންޓުގައި ރަޖިސްޓްރީ ކުރުމަށް ވަނީ މިއަދުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައި ކަމަށާއި، ރަޖިސްޓްރީ ކުރާ ޖަމިއްޔާތައް ގައިޑްލައިނާ އެއްގޮތަށް ދިރާގު ރޯޑް ރޭހުގެ ވެބްސައިޓުގައި ޝާއިއުކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ހުރިހާ ދުވުންތެރިން ވެސް ވެބްސައިޓްގައި ޝާއިއުވެފައިވާ ޖަމިއްޔާތަކުގެ ތެރެއިން އެމީހެއްގެ ދުވުން ހާއްސަކުރާނީ ކޮން ޖަމިއްޔާއަކަށް ކަން ކަނޑައަޅާނެއެވެ. މިގޮތުން އެންމެ ގިނަ ދުވުންތެރިން ހިޔާރުކުރާ 5 ޖަމިއްޔާއަކަށް ޖުމްލަ 200،000 ރުފިޔާ ދިރާގުން ހަދިޔާކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތު އަދި އާއިލީ ގުޅުން ބަދަހި ކުރުމާއި ރަހްމަތްތެރިކަން އާލާވާ ގޮތަށް ދިރާގު ރޯޑް ރޭހަކީ ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އިވެންޓެކެވެ. ދުވުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެ ކެޓަގަރީ އަކަށްވެސް ބައިވެރިވެވޭނެ އެންމެ ކުޑަ އުމުރުފުރާތަށް ވަނީ ކަނޑައަޅާފައެވެ. 2007 ވަނަ އަހަރުގައި ދިރާގުން ތައާރަފްކުރި ރޯޑް ރޭސް ޖެހިޖެހިގެން ބާއްވާ މިއީ 13 ވަނައަހަރެވެ.