ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން އަންނަ އާދީއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ވެސް މި މައްސަލައިގެ އަޑުއެހުމެއް ތާވަލު ކުރިނަމަވެސް، ދައުލަތުން އެންމެ ފަހުން ހުށައެޅި ލިޔުންތަކުގެ ފަހުން ފަސް ދުވަހުގެ މުއްދަތެއް މަދުވެގެން ދޭން ޖެހޭތީ އެކަން ކުރީ ބައިގައި އަންގާފައި ނުވުމުން އަޑުއެހުން ކެންސަލްކޮށްފައިވެއެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އިބްތިދާއީ އަޑެއެހުންތައް ބާއްވައި ދައުލަތުން ވަނީ ގިނަ އަދަދެއްގެ ހެކި ހުށަހަޅާފައެވެ. އެމްއެމްޕީއާރުސީ ކޮރަޕްޝަނާ ގުޅިގެން ރައީސް ޔާމީނުގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލަ ބަލަމުން ދާއިރު، އެއީ ކޮރަޕްޝަންގެ ބޮޑު ތުހުމަތެއްވާ އެސްއޯއެފްއިން ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާގެ މައްސަލައެކެވެ.
އަދި އެ ފައިސާތައް ދައުލަތާ ހަވާލުކުރުމުގެ ބަދަލުގައި ލޯންޑާ ކުރައްވަން އުޅުއްވި ކަމުގެ ތުހުމަތުގައި ޖިނާއީ ދައުވާ ވެސް ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައެވެ. މީގެ އިތުރުން ރައީސް ޔާމީނުގެ އެކައުންޓުތަކަށް 3 މަޝްރޫއެއްގެ ނަގުދު ފައިސާ ވެދެފައިވާ މައްސަލައެއްވެސް އޭސީސީން ބަލަމުން އެބަދެއެވެ. ނަމަވެސް މިކަން ރައީސް ޔާމީން ވަނީ ދޮގުކުރައްވާފައެވެ.
އެ ޝަރީއަތުގެ އަޑުއެހުމެއް އެންމެ ފަހުން ވެސް ބޭއްވީ މިދިޔަ އެޕްރީލް 25 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ދައުވާ ސާބިތުކުރުމަށް ރައީސް ޔާމީންއާ ދެކޮޅަށް ހެކިން ހުށަހަޅައިފާވެއެވެ. ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރޭގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ރައީސް ޔާމީންގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވެސް ހިމެނެއެވެ.