ކުރިއަށް އޮތް ޖޭމްސް ބޮންޑް ފިލްމުގައި "ޑަބްލް އޯ ސެވަން"ގެ ގޮތުގައި މީހުން މެރުމުގެ ލައިސަންސް ނަގައިގެން ހުރީ، އުމުރުން 31 އަހަރުގެ އިނގިރޭސި އެކްޓްރެސް ލަޝްއާނާ ލިންޗްކަން ކަށަވަރުވެއްޖެއެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްގެން ހުރި ލަޝްއާނާ ލިންޗް އާންމުންގެ ސަމާލުކަން ދަމަގެންފައިވަނީ މިއަހަރުގެ ކުރީކޮޅު ރިލީޒް ކުރި ކެޕްޓަން މާވެލް ފިލްމުގައި އޭނާ އަދާކުރި ރޯލުންނެވެ.

ޖޭމްސް ބޮންޑް ފިލްމް ފްރެންޗައިސްގެ 25 ވަނަ ފިލްމް "ބޮންޑް 25" ގައި ލަޝްއާނާ ލިންޗް އަދާކުރާނީ ބޮންޑްގެ ކޯޑުނަން ކަމަށްވާ "ޑަބަލް އޯ ސެވަން"ގެ ނަން ބޭނުންކޮށްގެން ހަރަކާތްތެރިވާ އާ އޭޖެންޓެއްގެ ރޯލެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު "ބޮންޑް 25"ގައި ފެނިގެންދާނީ މަގާމުން މުސްކުޅިވެގެން ހުރުމަށްފަހު، މިޝަންއެއް ކާމިޔާބު ކުރުމަށް ބޮންޑް މަސައްކަތަށް ނިކުންނަ ތަނެވެ. މި ފިލްމުގައި "ބޮންޑް"ގެ ކެރެކްޓާ އެމީހަކާ ހަނގުރާމަ ކުރަން ނިކުންނަ ވިލަންގެ ރޯލުން ފެނިގެންދާނީ 2018 ވަނަ އަހަރުގެ ބަތޮލުގެ ގޮތުގައި ގިނަ ދިވެހިންވެސް ބަލައިގެންފައިވާ ރާމީ މަލެކްއެވެ.

"ބޮންޑް 25" ތިއޭޓަރުތަކަށް އަންނާނެ ސީދާ ތާރީހެއް ކަށަވަރު ނުވި ނަމަވެސް އެއީ އަންނަ 2020 ވަނަ އަހަރުގެ ފެބުރުވަރީ މަހާ އޭޕްރީލް މަހާ ދެމެދުގެ ތާރީހެއް ކަމަށް މައުލޫމާތު ލިބެއެވެ.