ދިޔަވަރު ބޮޑުވެ ތ. ކިނބިދޫއަށް އުދައާއެކު މިޔަރު އަރައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ކިނބިދޫއަށް އުދައެރި ގަޑީގައި މިޔަރެއް ވެސް ވަނީ ރާޅާއެކު ރަށުތެރެއަށް އަރާފައެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ކިނބިދޫ ސްކޫލު ކައިރީގައި ބޮޑުވެފައި އޮތް ލޮނުގަނޑު ތެރޭގައި ދޮޅު ފޫޓު ވަރުގެ މިޔަރެއް ދުވާ މަންޒަރު ފެނެއެވެ. އަދި އެ މަންޒަރު ބަލަން ގިނަ ބަޔަކު އެތަނަށް އެއްވެފައި ވާތަން ވެސް ފެނެއެވެ. އާންމުންގެ ބަޔަކު ވަނީ އެ މިޔަރު ހިފުމަށްފަހު މޫދަށް ދޫކޮށްލާފައެވެ.

https://www.facebook.com/ibrahim.naveen.7/videos/2348477895265324/

ކިނބިދޫއަށް އެރި އުދައިގެ ސަބަބުން ރަށު ތެރޭގެ އެކި ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި އެރަށު ސްކޫލާއި އިންޖީނުގެ ހުންނަ ހިސާބުގައި ވަނީ އެއްފޫޓާއި ދޮޅު ފޫޓަށް ފެންބޮޑުވެފައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކައް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި މާދަމާ ވެސް އުދަ އަރާނެ ކަމަށް ބެލެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކިހިސާބަށް ގުގުރާ ވިއްސާރަކުރާނެ ކަމަށާ، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ވައިޖެހޭނީ ދެކުނު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށާ، ވިލާގަނޑުގައި 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

މީގެ އިތުރުން ކަނޑުތައް އާދައިގެވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެކަމަށް ބުނެފައިވާ އިރު، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުނެއެވެ.