ތޫނު އެއްޗަކުން ހަމަލާދީ ރަހުމްކުޑަގޮތަކަށް މަރާލާފައިވާ ބުލޮގަރު ޔާމީން ރަޝީދުގެ ހަށިިގަނޑު ހޮސްޕިޓަލަށް ގެންދިޔަ ދެ ފުލުހުންގެ ހެކިބަސް ނަގައިފިއެވެ.

މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވި އަޑު އެހުމުގައި މި ދެ ފުލުހުންގެ ހެކިބަސް ނަގާފައިވަނީ ޔާމީންގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވާ މީހުންގެ މައްޗަށް ކުށް ސާބިތުކުރަން ބޭނުންވާ ހެކި ނެގުމަށެވެ.

މިއަދުގެ އަޑު އެހުމުގައި ހެކިބަސް ދިން ފުލުހުން ބުނީ ޔާމީނަށް ހަމަލާދީ މަރާލި ރޭ އެދެ ފުލުހުން ތިބީ ޑިއުޓީގައި ކަމަށާއި ފުލުހުންގެ ވެހިކަލްގައި އެ ދެމީހުން، މ. ސެޕެޓިއުލާ ގެއަށް ދަންވަރު 2:55 ހާއިރު ދިޔަ ކަމަށެވެ. ސެޕެޓިއުލާ ގެއަކީ ޔާމީނަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނު ގެއެވެ. އަދި އެ ދެމީހުން އެގެއަށް ދިޔަ އިރު ވެސް ފުލުހުން އެތަނުގައި ހަރަކާތްތެރިވަމުން ދިޔަކަމަށް އެ ދެމީހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެތަނަށް ދެވުނު އިރު ސްޕެޓިއުލާގެ ސިޑިގޮޅި އޮތީ ނިއްވާލާފައި އަނދިރިކޮށް ކަމަށާއި އެތެރެއަށް ވަނީ ފޯނުގެ ބައްތި ދިއްލައިގެން ކަމަށެވެ. އަދި ޔާމީނަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ދީފައިވާތީ، އަވަހަށް ފުލުހުންގެ ވެހިކަލުގައި ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭރު އެއްވެސް ހަރަކާތެއް ނެތް ކަމަށް ދެ ފުލުހުން ހެކިބަސް ދެމުން ބުނެފައިވެއެވެ.

ޔާމީންގެ މަރުގެ މައްސަލައިގައި މިދިޔަ ހަފްތާގައި ބޭއްވި އަޑު އެހުމުގައި، އެ މައްސަލައިގައި މަރުގެ ދައުވާ އުފުލާފައިވާ ދެމީހަކަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދިއުމަށް ދިފާއީ ވަކީލުން އެދިވަޑައިގެންފައިވެއެވެ. ނަމަވެސް އެ ދިފާއީ ވަކީލުންގެ އެދުމަށް ރިޔާސަތުން އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ހަށިގަނޑު އެތައް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޔާމީން މާރާލީ އެޕްރީލް 23، 2017 ގެ ދަންވަރުއެވެ. އެ މައްސަލާގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ހަ މީހެއްގެ މައްޗަށް ދައުލަތުން ވަނީ އުފުލާފައެވެ.