މިހިނގާ 2019 ވަނަ އަހަރުގެ 2 ވަނަ ތިން މަސްދުވަހުގެ ތެރޭގައި ޗައިނާގެ އިގުތިސޯދީ ކުރިއެރުމުގެ ދުވެލި އާދަޔާ ހިލާފަށް މަޑުޖެހިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިއަހަރުގެ 2 ވަނަ ކުއާޓަރުގައި ޗައިނާގެ އިގުތިސޯދީ ކުރިއެރުމުގެ ދުވެލި މަޑުޖެހިފައިވާ ދަރަޖައަށް އެގައުމުގެ އިގުތިސޯދު ވެއްޓިފައި އޮތީ 1990ގެ އަހަރުތަކުގެ ކުރީކޮޅުގައި ކަމަށް ޚަބަރު ލިބެއެވެ.

ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޗައިނާގެ އިގުތިސޯދު ކުރިއަރާފައިވަނ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު 6.2 ޕަސެންޓަށެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އިގުތިސޯދީ ބާރުގެ ގޮތުގައި އޮތް އެމެރިކާއާއި ދެކޮޅަށް ވިޔަފާރީގެ ހަނގުރާމައެއް ކުރަމުންދާ ޗައިނާގެ އިގުތިސޯދީ ކުރިއެރުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި އުޅުނީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 6.4 ޕަސެންޓްގައެވެ.

މިއީ މި އަހަރުގެ ފުރަތަމަ 3 މަސްދުވަހާ އަޅާ ބަލާއިރުވެސް ދަށް މިންވަރެކެވެ.

ކަންމިހެން އޮތް ނަމަވެސް، މިދަނޑިވަޅަކީ އިގުތިސޯދީ ދުވެލި ހަލުވި ކުރުމަށްޓަކައި ޗައިނާއިން ވަރުގަދަ ފިޔަވަޅުތަކެއްވެސް އަޅަމުންދާ ދަދނޑިވަޅެކެވެ. އެގޮތުން ޗައިނާއިން ވަނީ ޚަރަދު ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން، ޓެކްސްގެ ގޮތުގައި ނަގަމުން ދާ ފައިސާގެ މިންވަރުން ބޮޑު ބައެއްވެސް އުނިކޮށްފައެވެ.