ފީނަމުންދަނިކޮށް ޖޭކް ވިލްޓަންއާއި މޮންޓީ ހޯލްސްއަށް ސިހުން ގެނުވީ ބޮޑު މަޑިއެއް އެމީހުންނާ ދިމާލަށް އަންނަތަން ފެނުމުންނެވެ. އެއަށްވުރެ ބޮޑު ސިހުމަކަށްވީ، މަސްބާނަން ބޭނުންކުރާ ޒާތުގެ ބުޅިތަކެއް އެމަންޖެގެ ލޯ ކައިރީގައި އަޅައިގަނެފައި ހުރީތީއެވެ. ހައިރާންވީ، އެ ދެ ޑައިވަރުންގެ އެހީތެރިކަމަށް "ފްރެކްލްސް" އެދެނީއޭ ބުނާ ކަހަލަ އިހުސާސެއް ކުރެވުނީތީއެވެ.
ފްރެކްލްސްގެ ކަނާތު ލޯކައިރީގައި އަޅައިގެންފައިހުރި ބުޅިތައް ނެއްޓުމަށް އެމަންޖެއާއި ދިމާލަށް ފީނައިގަތީ ޖޭކްއެވެ. އެ ބުޅިތައް ނެއްޓުމަށް ޖޭކް ވަނީ އެތައް ފަހަރެއްގެ މަތިން އަޑިއަށް ފީނާފައެވެ. މި ހުރިހާ ކަމެއް ކުރަންދެން ފްރެކެލްސްވެސް މަޑުން އޮތެވެ.
ޖޭކް ބުނާ ގޮތުގައި ފްރެކްލްސްގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ. އަދި އެއަށްވުރެ ބޮޑު އުފައްލެއްވެސް ޖޭކްއަށް ލިބުނެވެ. ޖޭކް ބުނާ ގޮތުގައި، ފްރެކްލްސްއަށް މިހާރު ޖޭކް ވަކިކުރަންވެސް އެނގޭ ކަހަލައެވެ.
"އޭނާގެ ހާލު ބަލާލަން އަހަރެން ފީނާލިން. ކުށްލިއަކަށް އަހަރެންގެ ބޯމައްޗަށް ވާ ކަހަލަ ގޮތަކަށް އެމަންޖެ އެރި. އަދި ތިރީހަކަށް ސިކުންތު އެގޮތަށް އޮތް. ވަރަށް އާދަޔާ ހިލާފު ގޮތްތަކެއްވީ. މަޑިއަކީ އެއް މަޑިއަނެއް މަޑިޔާ ވަކިކުރުމުގެ ހުނަރު ލިބިފައިވާ އެއްޗެއް. އެހެންވީމާ އަހަރެންވެސް ފާހަގަވީ ކަމަށް ވެދާނެ" ޖޭކް އޭނާގެ ހިތުގެ ޝުއޫރު ކިއާދިނެވެ.
މިމަޑިއަށް ފްރެކްލްސްގެ ނަމުން ނަންދެވުނީ ފަހަރެއްގައިވެސް އެމަންޖެގެ މޫނުގައި ބިހިތަކެއް ހުރެގެނެއް ނޫނެވެ. ނަމަވެސް އޭގެ ބަނޑުދަށް ފަރާތުގައިވާ ލައްތަކެއްގެ ސަބަބުންނެވެ. ބެލެވޭ ގޮތުގައި ފްރެކްލްސްގެ އުމުރުން މިހާރު 30 އަހަރުވެދާނެއެވެ. މިއީ މަޑީގެ އުމުރަށް ބަލާއިރު ވަރަށް ދޮށީ އުމުރެކެވެ.
ޖޭކް ބުނާ ގޮތުގައި ފްރެކްލްސްގެ ލޮލުގައި އަޅައިގެންފައި ހުރި ބުޅިތަކަކީ ކަނޑު އަޑީގެ ސަތަހާގައި ހުރި ޕްލޭންކްޓަންންސްތަކެއް ކާން ދިޔަ ވަގުތު އޭގެ މޫނުގައި އަޅައިގަތް ބުޅިތަކެއް ކަމަށް ބެލެވެއެވެ. މި ބުޅި ތަކަކީ ކުޅިވަރެއްގެ ގޮތުގައި މަސްބާނާ މީހުން އުކާފައި ހުރި ބުޅިތަކެއް ކަމަށްވެސް ޖޭކް ބުނެއެވެ.
ކުޅިވަރެއްގެ ގޮތުގައި މަސްބެނުމުގައި މިހާރު ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ވައިގައި ހިފާފައިވާ އެއް ވިޔަފާރިއަށް ވަނީ ވެފައެވެ. ނަމަވެސް މިކަމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ގެއްލުންވާކަމުގެ ޝަކުވާ ޑައިވަރުން ކުރެއެވެ. އެގޮތުން މި ބޯޓުތަކުގެ ބުރަފަތިން ޖެހި މަޑިތަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ ފެންނަ ކަމަށް ޑައިވަރުން ބުނެއެވެ.