ނިއުޒީލަންޑްގައި އާންމުން ރައްޔިތުން ހަތިޔާރު ގެންގުޅުމަކީ މަނާ ކަމެއް ކަމުގައި ކަނޑައެޅުމާއެކު އެކަން ތަންފީޒުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަތިޔާރު ހަވާލު ކުރުމުގެ ފުރަތަމަ އިވެންޓް ވަރަށް ކާމިޔާބު ކަމަށް ނިއުޒީލަންޑްގެ ފުލުހުން ބުނެފިއެވެ.

ނިއުޒީލަންޑްގެ ފުލުހުން ބުނީ، ކުރިން ދީފައި އޮތް ހުއްދައިގެ ދަށުން ހަތިޔާރު ގެންގުޅެމުންދިޔަ އާންމުންގެ ތެރެއިން 169 މީހަކު، 224 ހަތިޔާރެއް ކަމާ ބެހޭ ފަރާތްތަކާ ހަވާލުކޮށްފައިވާކަމަށެވެ. ހަތިޔާރު ހަވާލު ކުރާ ފަރާތްތަކަށް ނިއުޒީލަންޑްގެ ކަމާބެހޭ ފަރާތްތަކުން ދަނީ މާލީ ބަދަލެއްވެސް ދެމުންނެވެ.

މީޑިއާގައި ނަން ހާމަ ނުކުރުމަށް އެދި ވާހަކަ ދެއްކި ރައްޔިތަކު ބުނީ، އޭނާ ހަވާލުކުރި ހަތިޔާރުގެ ބަދަލެއްގެ ގޮތުގައި 8697 އެމެރިކާ ޑޮލަރު ލިބިފައިވާކަމަށެވެ. ގާނޫނަށް ގެނައި އިސްލާހާއެކު ހަތިޔާރު ހަވާލުކުރަންޖެހުމުން ކުރިން ސުވާލުތަކެއް އުފެދުނު ނަމަވެސް، މިހާރު ކަންބޮޑުވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މިއަހަރު ނިމޭއިރު މިފަދަ 258 އިވެންޓެއް ކުރިއަށް ގެންދެވޭނެ ކަމަށް ނިއުޒީލަންޑްގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

ނިއުޒީލަންޑްގައި ބަޑި ފަދަ ހަތިޔާރު ގެންގުޅުން މަނާކޮށް ގާނޫނަށް އިސްލާހު ގެނައުމަށް ގާނޫނު ހަދާ މަޖިލީހުން ފާސްކުރީ 119 މެމްބަރުންގެ ތާއީދާއެކުގައެވެ. މިކަމާ ދެކޮޅަށް ވޯޓުދީފައިވަނީ 1 މެމްބަރެވެ. މި ގާނޫނަށް އިސްލާހު ގެނައުމަށް ނިއުޒީލަންޑްގެ ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ފެށީ، މިއަހަރު ކުރީކޮޅު، ނިއުޒީލަންޑްގެ 2 މިސްކިތަކަށް ހަތިޔާރު ހިފައިގެން ހުރި މީހަކު ވަދެ 50 އަށްވުރެ ގިނަ މީހުންގެ ފުރާނަ ދުއްވާލި ހާދިސާއާއި ގުޅިގެންނެވެ.