ކައިވެނި ނުކޮށް އުޅޭތީ، ބައްޕަގެ ބެލުމުގެ ދަށަށް ދިއުމަށް ފެމިލީ ކޯޓުން ހުކުމްކުރި 22 އަހަރުގެ އަންހެން މީހާއަށް އޭނާގެ ބައްޕަ އަނިޔާ ކޮށްފާނެ ކަމުގެ ބިރު އޮތް ނަމަވެސް ބައްޕަގެ ބެލުމުގެ ދަށަށް ދާން ޖެހޭނެތޯ އަހާ އޭނާ ކުރި ސުވާލަކަށް ޖަވާބު ދެމުން، ސަބަބެއް ނެތި ބައްޕަ ދަރިއަކަށް އަނިޔާކޮށްފާނެ ކަމަކަށް ފުލުހުން ގަބޫލު ނުކުރާނެ ކަމަށް ބުނާ އޯޑިއޯއެއް ލީކު ކޮށްފިއެވެ.
ލީކުވެފައިވާ އެއޯޑިއޯގައި އެ އަންހެން މީހާ ކަމަށް ބެލެވޭ މީހަކާއި، ފުލުހުންގެ އިދާރާގެ ފަރާތުން ވާހަކަ ދައްކިކަމަށް ބެލެވޭ މީހަކާ ދެމެދު ގިނަ ވާހަކަތަކެއް ދައްކާފައި ވެއެވެ.
އެގޮތުން މި އޯޑިއޯގައި، އޭނާ ފެމިލީ ކޯޓަށް ދިން ބަޔާނާ އެއްގޮތަށް، ބައްޕަގެ ބެލުމުގެ ދަށަށް އޭނާ ދާން ބޭނުން ނުވަނީ ބައްޕައަށް އިތުބާރު ނުކުރެވޭތީ ކަމަށާ، ބައްޕަ އޭނާއަށް އަނިޔާ ކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެފައިވެއެވެ. ނަމަވެސް، މިކަމާ ގުޅިގެން އަނެއް ފަރާތުން ވާހަކަދެއްކި މީހާ ވަނީ، އެއްވެސް ސަބަބެއް ނެތި ބައްޕަ ދަރިއަކަށް އަނިޔާކޮށްފާނެ ކަމަށް ފުލުހުން ގަބޫލު ނުކުރާ ކަމަށް ބުނެފައެވެ.
އަދި މި މައްސަލާގައި، އަންހެން މީހާ އަނބުރާ ބައްޕަ ކައިރިއަށް ދާން ބޭނުން ނުވާ ކަމަށް ބުނުމުން، އެ މީހާ ބުނާގޮތުގައި، އަންހެން މީހާގެ މައްޗަށް ފެމިލީ ކޯޓުން ހުކުމެއް ނެރެފައި އޮތުމުން އެ ހުކުމަށް އޭނާ ތަބާވުމަކީ އޭނާގެ މައްޗަށް އޮތް ޒިންމާއެކެވެ. އަދި އޭނާ އަށް އޭނާގެ ބައްޕަ އަނިޔާކޮށްފާނެ ކަމުގެ ބިރު އޮތްނަމަ، އަދި ފެމިލީ ކޯޓުގެ ހުކުމަށް ތަބާވާން ބޭނުން ނުވާ ނަމަ މި މައްސަލައިގައި ފެމިލީ ކޯޓުގެ އަމުރު އިސްތިއުނާފް ކުރުމަށް ހައި ކޯޓަށް ހުށަހެޅުމަށް އެ މީހާ ނަސޭހަތްތެރި ވެއެވެ. އަދި އޭނާ ވަނީ، އެ މައްސަލާގައި ފެމިލީ ކޯޓުން އަންހެން މީހާގެ މައްޗަށް ހުކުމް ކުރާނީ ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ފަހުގައި ކަމަށް ވެސް ބުނެފައެވެ.
މި މައްސަލަ ފުލުހުންގެ އިތުރުން ޖެންޑާ މިނިސްޓްރީއަށް ވެސް ހުށަހަޅާފައި ވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. ޖެންޑާ މިނިސްޓްރީން މައްސަލަ ހުށަހެޅި ފަރާތަށް އަދި އެއްވެސް ޖަވާބެއް ދީފައި ނުވާކަން ވަނީ އެނގިފައެވެ.
އަންހެން މީހާގެ މައްޗަށް ކޯޓުން ހުކުމް ކުރީ، އާއިލާއަށް ފިލައިގެން އެހެން ރަށެއްގައި ދިރިއުޅޭ ކަމަށް ބުނެ، އޭނާގެ ބައްޕަގެ ވިލާޔަތުގެ ދަށަށް ގެންދިއުމަށް އޭނާގެ ބައްޕަ ހުށަހެޅުމާއި ގުޅިގެންނެވެ. އެ އަންހެން މީހާގެ ބައްޕަ ބުނާގޮތުގައި، އަންހެން މީހާ އޭނާގެ ބެލުމުގެ ދަށަށް ގެންނަން ބޭނުން ވަނީ، އަންހެން މީހާ ކައިވެނި ނުކޮށް ހުރުމުން ބައްޕަގެ ބެލުމުގެ ދަށުގައި ހުންނަން ޖެހޭ ކަމަށް ގަބޫލު ކުރެވޭތީއެވެ.
އެ އަންހެން މީހާ ބުނެފައިވާ ގޮތުގައި އޭނާގެ ބައްޕައަށް އިތުބާރު ނުކުރާތީ ބައްޕަގެ ބެލުމުގެ ދަށުގައި ހުންނާކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް ޝަރީއަތުން ވަނީ އޭނާގެ ބައްޕަގެ ކިޔަމަނުން ބޭރުން އެހެން ރަށެއްގައި އުޅެނީ މަގުބޫލު ސަބަބެއް އޮވެގެންކަން ޝަރީއަތަށް ސާބިތު ކޮށްދެވިފައި ނެތް ކަމަށް ނިންމާފައެވެ.
ފެމިލީ ކޯޓުގެ ހުކުމް އޮތް އިރު އެހެން ކޯޓެއްގެ ހުކުމުގައި އަންހެން މީހާއަށް ވަލީދޭން ބައްޕަ ދެކޮޅު ހަދާ ނަމަ ކޯޓުން ވަލީ ނަގައިދޭނެ ކަމަށް ނިންމާފައި އެބައޮތެވެ.