މުއްސަނދިވާން ބޭނުންފުޅު ނަމަ، އެފަދަ ފުރުސަތުތައް ލިބިވަޑައިގެންނެވި ކަމަށާ، ނަމަވެސް ދުވަހަކުވެސް ހިޔާނާތެ ފައިސާއެއް ނަންގަވާފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
އާޒިމާ މިހެން ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރުމަށް މަގުފަހި ކޮށްދިނުމުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ފަށަން ތައްޔާރުވެފައި ވަނިކޮށެވެ. އާޒިމާ ވަނީ އެ މައްސަލައިގައި އޭނާގެ އިހުސާސްތައް ފޭސްބުކުގައި ބަންޑުންކޮށްލައްވާފައެވެ.
އާޒިމާ ވިދާޅުވީ އުމުރުން 16 އަހަރުން ފެށިގެން އޭނާ މަސައްކަތް ކުރައްވާފައިވަނީ ސަރުކާރުގައި ކަމަށެވެ. އަދި އެ މުއްދަތުގައި ކިޔެވުން ކުރިއަށް ދިޔަ ދުވަސްތައް ފިޔަފައި އެހެން ހުރިހާ ދުވަސްތަކަކީ ހިދުމަތް ކުރެއްވުމުގައި ދިޔަ ދުވަސްތައް ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި މާތް ﷲގެ އިރާދަފުޅާއެކު އޭނާ އަށް ކާމިޔާބު ދުވަސްތަކެއް ލިބިވަޑައިގެންނެވި ކަމަށާއި ބޮޑެތި ޒިންމާތަކެއް އަދާކުރައްވަން ލިބިވަޑައިގެންނެވި ކަމަށެވެ.
ތިން ސަރުކާރުގެ ކެބިނެޓްގައި މަސައްކަތް ކުރައްވަން ފުރުސަތު ލިބިވަޑައިގެންނެވިކަން ފާހަގަ ކުރައްވަމުން އާޒިމާ ވިދާޅުވީ މަގާމުތަކުގެ ޒިންމާ އަދާކުރެއްވީ ޒިންމާދާރު ކަމާއެކު ކަމަށެވެ.
އޭނާ ވިދާޅުވީ މާލީ މަންފާ ލިބުނު ފަރާތްތަކުގެ ލިސްޓުގައިވެސް އަދި އެހެން ތާކުވެސް އޭނާގެ ނަން ނެތްކަމަށެވެ. އަދި އެންމެ ކައިރީގައި އުޅޭ ފަރާތްތަކަށް އޭނާގެ މާލީ ހާލަތު ހުރިގޮތް ވަރަށް ރަނގަޅަށް ސާފުވާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ. ނަމަވެސް މިއަދު އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ މަނީ ލޯންޑަރިންއަށް އެހީތެރިވި ކަމަށް ބުނެ ކަމަށާއި، އެކަމާއި ގުޅޭ ލިޔެ ކިޔުންތައް ލިބިވަޑައިގެންފައިވާ ކަމަށެވެ.
އާޒިމާ ވިދާޅުވީ އެކަނިވެރި މަޔަކަށް ވުމުން އަންނަ ހަމަލާތައް ބޮޑު ކަމަށެވެ. ނަމަވެސް އެއްވެސް ކަމެއް ގޯސްކޮށް ކުރައްވާފައި ނޯންނާނެ ކަމަށާއި، މިކަމާ ވެސް ކުރިމަތިލައްވާނެ ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި ދުވަހަކުވެސް ފައިސާއެއް ނަންފަވާފައި ނުވާނެކަމަށް އާޒިމާ ވިދާޅުވިއެވެ.
އާޒިމާގެ މައްޗަށް ދައުވާ ކުރަނީ ރައީސް ޔާމީން ހިންގެވި ކަމަށް ތުހުމަތު ކުރާ މަނީ ލޯންޑަރިން އަށް އެހީތެރިވެ، އެކަމުގައި ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނެއެވެ.