ޖޭކް ޝުކުރަކީ ޑެތް މެޓަލް ބޭންޑެއްގެ ފްރަންޓްމޭންއެވެ. އޭނާގެ ވާހަކަ މީޑިއާގެ ސަމާލުކަން ހޯދީ ހަނގުރާމައިގެ ނަމާން އަދި ބިރުވެރި ހަނދާންތަކުން އޭނާ އުފައްދަމުންދާ މިއިޒިކާއެކުގައެވެ. ޖޭކްއަކީ ސޫރިޔާގެ ޒުވާނެކެވެ. ނަމަވެސް ހަނގުރާމަގަނޑު ގަދަވުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު އޭނާ ދިރިއުޅެމުންދަނީ ލުބްނާނުގައެވެ. ރެފިއުޖީއެއްގެ ގޮތުގައެވެ.

ޖޭކް ބުނާ ގޮތުގައި އޭނާއަށް މެޓަލް ޖޮންރޯ ތައާރަފުވީ އުމުރުން އެންމެ 6 އަހަރުގައެވެ. އެ ޖޯންރޯއަށް ލޯބި ޖެހުނީ އެކަންޏެއް ނޫނެވެ. މާ ގިނަ ދުވަހެއް ނުވެ، ޚުދު އޭނާއަކީވެސް އެ ޖޯންރޯގެ ފަންނުވެރިއަކަށްވިއެވެ.

ދާރާއަށް އުފަންވި ޖޭކް ޝުކުރަކީ ހަނގުރާމައިގެ ސަބަބުން މީހުންގެ ދިރިއުޅުމަށް އޮތް ނުރައްކަލަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށް އިނގިރޭސިވިލާތުގެ އިމްޕީރިއަލް ވޯ މިއުޒިއަމްގައި ކުރިއަށް ގެންދިޔަ މިއުޒިކް ފެސްޓިވަލްގައި ހުށަހެޅުމެއް ހުށަހަޅާދިން ސޫރިޔާގެ ފުރަތަމަ ފަންނުވެރިޔާއެވެ.

ޖުލައި މަހުގެ 6 ވަނަ ދުވަހު ކުރިއަށްދިޔަ ޝޯގައި ޖޭކް ޝުކުރުގެ ހުނަރު ދައްކާލީ އޭނާގެ ބޭންޑް "މޭސެލޫން"އާއިވެސް އެކުގައެވެ. މި ބޭންޑުވެސް މިހާރު ހަރަކާތްތެރިވަމުންދަނީ ލުބްނާނުގެ ވެރިރަށް ބެއިރޫތުގައެވެ. ޖޭކްއާއި އޭނާގެ ބޭންޑްގެ ހުށަހެޅުމަށް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

https://www.youtube.com/watch?v=b-oq2fdiwqg

ޖޭކް ކިޔާދިން ގޮތުގައި ސޫރިޔާއަކީ އޮތް ގޮތަށް އޮތް ހަނގުރާމަގަނޑެކެވެ. އެ ގައުމުގައި އޭނާ އުޅުނުއިރު އިވެމުންދިޔަ ހަނގުރާމައިގެ އަޑުފައްގަނޑު އަދިވެސް އޭނާގެ ކަންފަތުގައި ހަރުލާފައި އެބަހުއްޓެވެ. އެ އަޑުތަކާ ދުރަށް ދެވޭ ގޮތް ނުވުމުން، މިއުޒިކަކަށް އެކަން ބަދަލުކުރުމުގެ ފިކުރު އައީކަމަށް ޖޭކު ބުނެއެވެ.

މެޓަލް ޖޯންރޯގެ މިއުޒިކް ކުޅުމަކީ ސޫރިޔާގައި މަނާ ކަމެކެވެ. ޖޭކް ބުނާ ގޮތުގައި މައްސަލައަކީ ސަރުކާރެއް ނޫނެވެ. ނަމަވެސް ތަފާތު ކަމެއް ބަލައިގަންނަން ބޭނުން ނުވާ މުޖުތަމައުއެވެ. މިކަންވީ އޭނާގެ އަމިއްލަ ވަޒަނަށް އޮތް ލޯތްބަށްވެސް ބުރޫ އެރުވި ކަމަކަށެވެ. ޖޭކް ގަބޫލުކުރާ ގޮތުގައި އޭނާއަށް އުފަން ފަސްގަނޑުގައި މުސްތަގުބަލެއް ނެތެވެ. އެކަމަކު އުފަން ރަށް ދޫކޮށް އެހެން ތަނަކަށް ބަދަލުވާންޖެހުނީތީ ދެރަވާކަމަށްވެސް ޖޭކް ބުނެއެވެ.