ނޮވެމްބަރު 3ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގެ އަބްދުﷲ ލުތުފީ އެމްބަސީގައި ހުރިކަން ފަޅާއަރުމާ ގުޅިގެން ސަކުރާރަށް ޕްރެޝާ ބޮޑުވެ ލުތުފީ އަނބުރާ ޖަލަށް ގެނައުމަށް ސަރުކާރަށް މަޖުބޫރުވި މަސައްކަތުގެ ކާމިޔާބީ ފާހަގަ ކުރުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބާއްވަވާ ޖަލްސާ ފަސްކޮށްފިއެވެ.

އުމަރު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކާނިވާ ސަރަހައްދުގައި "ލުތުފީ ޖަލަށް - މަގޭ މިނިވަން ގައުމު" ގެ ނަމުގައި އޭނާ ބޭއްވެވުމަށް ހަމަޖެއްސެވި ޖަލްސާ، އަންނަ ބުރާސްފަތި ދުވަހުގެ ރެއަށް ބަދަލު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން، އަންނަ ބުރާސްފަތި ދުވަހު ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ދިނުމަށް ޕްލޭނިން މިނިސްޓްރީގައި އެދިވަޑައިގެންފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ، ޖަލްސާ ފަސް ކުރެއްވީ މި ހަފްތާގައި ކާނިވާ ސަރަހައްދުގައި މަގުމަތީ ބާޒާރެއް އޮންނާތީ ކަމަށެވެ.

2010 ވަނަ އަހަރު ބޭސްފަރުވާއަށް ލުތުފީ ރާއްޖެއިން ބޭރަށް ގޮސް، 9 އަހަރު ވަންދެން ފިލާ އުޅުމަށްފަހު، މިދިޔަ މޭ މަހު އެއް ވަނަ ދުވަހު އޭނާ ވަނީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއާ އަމިއްލައަށް ހަވާލުވެފައި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް އުމަރާއި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ލުތުފީ އެމްބަސީއަށް ވަނީ މިދިޔަ އޭޕްރީލް މަހުއެވެ.

މީގެ އިތުރުން އުމަރު ވިދާޅުވެފައިވާ ގޮތުގައި، ލުތުފީ ހޯއްދެމަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރެއްވި ވަޒީރަކީ އޭނާއެވެ. އެެގޮތުން، އުމަރު ވަނީ އޭނާ ހޯމް މިނިސްޓަރު ކަމުގައި ހުންނެވި އިރު ކުރެއްވި މަސައްކަތްތަކުގެ ތަފްސީލް އާންމުކުރައްވާފައެވެ.

ލުތުފީ ހޯއްދެވުމަށް އެހާ ބޮޑު އިސްކަމެއް ދެއްވަނީ، ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް އުދުވާނީ ހަމަލާ ދިން އިރު އޭނާއަކީ ދިވެހި ސިފައިންގެ ބޭފުޅެއް ކަމަށާއި، އެ ހަމަލާ ތަޖުރިބާ ކުރެއްވި ކަމަށް ވާތީ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ. އަދި ޝަހީދު ވެގެން ވެއްޓިފައި ތިބި ދިވެހިން ލެއިން ތަތްތެޅިފައި ތިއްބާ ފެނިވަޑައިގަތް ކަމަށާއި، ބައެއް ޝަހީދުންގެ ހަށިގަނޑުތައް އެތަންތަނުން ނެގުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވެ ވަޑައިގަތް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.