ނޮވެމްބަރު 3ގައި ރާއްޖެއަށް ދިން އުުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގެ އަބްދުﷲ ލުތުފީ އެމްބަސީގައި ހުރިކަން ފަޅާއަރުވާލައި ސަކުރާރަށް ޕްރެޝާ ބޮޑުވެ ލުތުފީ އަނބުރާ ޖަލަށް ގެނައުމަށް ސަރުކާރަށް މަޖުބޫރުވި މަސައްކަތުގެ ކާމިޔާބީ ފާހަގަ ކުރުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖަލްސާއެއް ބާއްވަން އުޅުއްވާކަމަށް ވިދާޅުވެއްޖެއެވެ.

އުމަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލުތުފީ ފޮރުވައިގެން ގެންގުޅެނިކޮށް އެކަން ފަޅާއަރުވާލައްވައި، އޭނާ އަނބުރާ ޖަލަށް ގެނައުމަށް ކުރެވުނު މަސައްކަތްތަކުގެ ކާމިޔާބީ ފާހަގަ ކުރުމަށް ބާއްވާ ޖަލްސާ އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ 9:00 ގައި ކާނިވާ ސަރަހައްދުގައި ކަމަށާއި، ޖަލްސާ ބޭއްވުމަށް ކުރަންޖެހޭ ހުރިހާ ތައްޔާރީތަކެއް ކުރައްވަމުން ގެންދަވާ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު މިހެން ވިދާޅުވެފައިވާއިރު، 2010 ވަނަ އަހަރު ބޭސްފަރުވާއަށް ލުތުފީ ރާއްޖެއިން ބޭރަށް ގޮސް، 9 އަހަރު ވަންދެން ފިލާ އުޅުމަށްފަހު، މިދިޔަ މޭ މަހު އެއް ވަނަ ދުވަހު އޭނާ ވަނީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއާ އަމިއްލައަށް ހަވާލުވެފައި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް އުމަރާއި ރަީސް ނަޝީދު ވިދާޅުވެފައި ވަނީ ލުތުފީ އެމްބަސީއަށް ވަނީ ހުސްވި އޭޕްރީލް މަހުއެވެ.

މީގެ އިތުރުން އުމަރު ވިދާޅުވެފައިވާ ގޮތުގައި، ލުތުފީ ހޯއްދެމަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރެއްވި ވަޒީރަކީ އޭނާ ކަމަށެވެ. އެެގޮތުން، އޭނާ ވަނީ އޭނާ ހޯމް މިނިސްޓަރު ކަމުގައި ހުންނެވި އިރު ކުރި މަސައްކަތްތަކުގެ ތަފްސީލް އާންމުކުރައްވާފައެވެ. އުމަރު ވިދާޅުވެފައިވާ ގޮތުގައި، ލުތުފީ ރާއްޖޭގެ އެމްބަސީ އަށް ވަދެ ލަންކާ ފުލުހުންނަށް ފިލާ އޮންނަން ޖެހުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކަރުން ހުށަހަޅާފައިވާ 10،000 ޑޮލަރުގެ އިނާމުގެ ސަބަބުން ކަމަށެވެ. އަދި ލަންކާގެ ވަކި ވަކި ފުލުހުންގެ އަތުގައި ލުތުފީގެ ފޮޓޯއާ ވަނަވަރު ހުންނާނެ ކަމަށް އުމަރު ވިދާޅުވެފައި ވާއިރު، އޭނާ ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އިރު ލުތުފީ ހޯއްދެވުމަށް ވަރަށް ގިނަ ގުނަ މަސައްކަތް ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން، އޭނާ ވިދާޅުވީ، ލުތުފީ ހައްޔަރު ކުރުމަށް މަގުފަހިކޮށްދޭ ވަރުގެ މައުލޫމާތެއް ދިން ފަރާތަކަށް 75،000 ރުފިޔާގެ އިނާމެއް ސަރުކާރުން ހުށަހެޅި ކަމަށާއި އެ އިނާމު ފަހުން 10،000 ޑޮލަރަށް ބޮޑު ކޮށް، ލަންކާ ފުލުހުންނާ މައުލޫމާތު ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ.

ލުތުފީ ހޯއްދެވުމަށް އެހާ ބޮޑު އިސްކަމެއް ދެއްވަނީ، ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް އުދުވާނީ ހަމަލާ ދިން އިރު އޭނާއަކީ ދިވެހި ސިފައިންގެ ބޭފުޅެއް ކަމަށާއި، އެ ހަމަލާ ތަޖުރިބާ ކުރެއްވި ކަމަށް ވާތީ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ. އަދި ޝަހީދު ވެގެން ވެއްޓިފައި ތިބި ދިވެހިން ލެއިން ތަތްތެޅިފައި ތިއްބާ ފެނިވަޑައިގަން ކަމަށާއި، ބައެއް ޝަހީދުންގެ ހަށިގަނޑުތައް އެތަންތަނުން ނެގުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވެ ވަޑައިގަތް ކަމަށް އުމަރު ވިދާޅުވިއެވެ.