ރޭ ރާއްޖެ ގެނައީ ނޮވެމްބަރު 3ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީތޯ ސުވާލު އުފައްދަމުން ދަނިކޮށް، އެއީ ލުތުފީކަމަށް ޕްރޮފެސަރު އުގެއިލް ވިދާޅުވެއްޖެއެވެ.

ލުތުފީގެ ތިން ފޮޓޯއެއް ޓްވިޓާގައި ހިއްސާ ކުރައްވަމުން ޕްރޮފެސާ އުގައިލް ވިދާޅުވީ، އެ ތިން ފޮޓޯ އިން ވެސް ފެެންނަނީ އެކަކު ކަމަށެވެ. ޕްރޮފެސާ އުގައިލް ހިއްސާ ކުރެއްވި ތިން ފޮޓޯގެ ތެރޭގައި ހިމެނެނީ މީގެ ހަތް ވަރަކަށް އަހަރު ކުރިން އާންމު ކޮށްފައިވާ ލުތުފީގެ ފޮޓޯއަކާއި، ރޭ ލުތުފީ ރާއްޖެ ގެނައުމުން އެއާޕޯޓުގައި ނަގާފައިވާ ދެ ފޮޓޯއެވެ.

ނުވަ އަހަރަށްފަހު ލުތުފީ ރޭ ރާއްޖެ ގެނައި އިރު މީގެ 30 އަހަރު ކުރިން އޭނާ ހުރި ގޮތާއި މިހާރު އޭނާ ހުރި ގޮތާ ތަފާތުވުމުން، ރާއްޖެ ގެނައީ ލުތުފީ ނޫން ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.

ލުތުފީ މާލެ ގެނެސް އޭނާ ވަނީ ރޭ 11 ޖެހި އިރު ކަރެކްޝަންސް އާ ހަވާލުކޮށްފައެވެ. އަދި އޭނާ 2010 ވަނަ އަހަރު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލައިފައިވާ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.