އިސްރާއީލުގެ އަސްކަރީ ޖެޓުތަކަކީ އީރާނުވެސް ހިމެނޭ ގޮތަށް، މެދުއިރުމަތީގެ ކޮންމެ ހިސާބަކަށްވެސް ފޯރާނެ ޖެޓުތަކެއް ކަމަށް ވިދާޅުވެ، ޒަމާންވީ ހަތަރު އީރާނަށް އަމާޒުކުރައްވާ، އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމޫން ނަތަންޔާހޫ، ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

އެމެރިކާގެ ކުންފުންޏެއްކަމަށްވާ ލޮކްހީޑް މާޓިންއިން އުފައްދާފައިވާ އިސްރާއިލު އަސްކަރިއްޔާގެ އެފް-35 މަރުކާގެ އަސްކަރީ މަތިންދާބޯޓުތައް ބައްލަވާލެއްވުމަށް، ވައިގެ އަސްކަރީ ބޭހަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ، އިސްރާއީލު ނެތިކޮށްލާނެ ކަމުގެ އިންޒާރު، އީރާނުން ދީފައިވާކަމަށެވެ.

އީރާނާ ދެކޮޅަށް ނަތަންޔާހޫ އަމާޒުކުރައްވާ ފާޑުވިދާޅުވުންތައް މި ފަހަކަށް އައިސްވަނީ އިތުރުވެފައެވެ. އެގޮތުން، އީރާނުން ޔުރޭނިއަމް މުއްސަނދިކޯށް ފައްކާ ކުރާ މިންވަރު އިތުރުކުރާކަން އެގައުމުން މިހަފުތާގެ ކުރީކޮޅު ހާމަކޮށްފައިވާއިރު، އެއީ އީރާނުން އަޅާ ވަރަށް ނުރައްކާތެރި ފިޔަވަޅެއް ކަމަށް ނަތަންޔާހޫވަނީ ވިދާޅުވެފައެވެ. މިއާއެކު ނަތަންޔާހޫވަނީ، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމަށް ވިލާތުގެ ގައުމުތަކަށް ގޮވާލައްވާފައެވެ.

އިސްރާއީލުން ބުނާ ގޮތުގައި އަސްކަރީ ކުރިމަތިލުމެއްގައި އެފް-35 މަރުކާގެ ބޯޓުތައް ބޭނުންކުރި ފުރަތަމަ ބަޔަކީ އިސްރާއީލުގެ އަސްކަރިއްޔާއެވެ.