ތިން މަޝްރޫއެއްގެ ފައިސާ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދައްކާފައިވަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވެފައިވަނީ، ތިން މަޝްރޫއެއްގެ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ އޭސީސީ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ބުނުމާއި ގުޅިގެންނެވެ. ޔާމީން ވިދާޅުވީ މަޝްރޫއުތަކާއި ގުޅުންހުރި ފައިސާއެއް އެކައުންޓްގައި ހުރި ކަމަށް ބުނެ ފަތުރާ ވާހަކަތުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

މި މައްސަލައިގައި ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ އެއްވެސް ޕްރޮޖެކްޓަކާ ގުޅުންހުރު ފައިސާއެއް އެމަނިކުފާނުގެ އެކައުންޓުގައި ނުހުންނާނެ ކަމަށެވެ. އަދި އޭސީސީން ބުނާ އެއްވެސް މައްސަލައެއްގައި ތަފްސީލު ހޯދަން ވެސް އަދި އެހެން އެއްވެސް ކަމެއްގައި ސުވާލުކޮށްފައި ނުވާ ކަމަށެވެ.

ޕީޕީއެމްގެ އޮފިޝަލެއް "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް ޔާމީނަކީ އިހުލާސްތެރިކަމާއެކު ގައުމަށް ހިދުމަތް ކުރެއްވި ގައުމުދެކެ ލޯބިފުޅުވާ ވެރިއެއް ކަމަށެވެ. އަދި ސަރުކާރާ ގުޅިފައިތިބި މީހުން އަބަދުވެސް ކުރަމުން އަންނަ ކަމަކީ ރައީސް ޔާމީންގެ އަބުރު ކަތިލުން ކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ 2008 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން އަންނަންދެން ދެއްކީ 800 މިލިއަން ޑޮލަރުގެ ވާހަކަ ކަމަށާއި، އެކަމުގެ ހަގީގަތް ހޯދަން އެމްޑީޕީން ވެރިކަމަށް އައުމަށް ފަހު އެތައް މިލިއަން ޑޮލަރެއް ހަރަދު ކުރި ކަމަށެވެ. އަދި އެންމެފަހުން ސާބިތުވީ ޔާމީނޭ ކިޔައިގެން ދެއްކީ ދޮގު ވާހަކަ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހިނގާދިޔަ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅިގެން ހެދި ހާއްސަ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން ސުވާލު ކުރުމަށް މިއަދު އޭސީސީގެ މެންބަރުން މާލިއްޔަތު ކޮމެޓީއަށް ހާޒިރު ކުރުމުން އެ ކޮމިޝަންގެ ރައީސް މުއައްވިޒު ރަޝީދު ވަނީ ރައީސް ޔާމީންގެ އެކައުންޓުތަކުގެ ތަފްސީލުގައި ޝައްކު އުފެދޭ މުއާމަލާތްތަކެއް ހިމެނޭކަން ފާހަގަ ކުރައްވާފައެވެ.

މުއައްވިޒު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނަށް އަމާޒުވި ތުހުމަތުތަކާ ގުޅިގެން އެކައުންޓުތަކުގެ ތަފްސީލް ހޯދުމަށް އޭރު ކޮމިޝަނުން މަސައްކަތް ކޮށް، އޭރު އެކަން ކާމިޔާބު ވާގޮތް ނުވެފައިވާ ކަމަށެވެ. ނަމަވެސް، މިފަހުން ރައީސް ޔާމީނުގެ ހުރިހާ ބޭންކް އެކައުންޓްތަކެއްގެ ތަފްސީލްތައް އޭސީސީއަށް ލިބިފައިވާ ކަމަށާއި، ތަފްސީލްތަކަށް ބަލާއިރު ޝައްކު އުފެދޭ މުއާމަލާތްތަކެއް ހިމެނޭ ކަމަށް މުއައްވިޒު ވިދާޅުވިއެވެ. އެގޮތުން، ރައީސް ޔާމީންގެ އެކައުންޓްތަކަށް ގިނަ އަދަދެއްގެ ނަގުދު ފައިސާ ޖަމާކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ބޭރުގެ ގިނަ ފަރާތްތަކާއެކު ބޮޑެތި މުއާމަލާތްތަކެއް އެ އެކައުންޓްތަކުން ހިންގާފައިވާ ކަމަށް މުއައްވިޒު ވިދާޅުވިއެވެ.

އޭސީސީއިން ރައީސް ޔާމީންގެ އެކައުންޓްތަކާ ގުޅޭ ވަރަށް ގިނަ ލިޔެކިޔުންތަކާއި ބޭންކް ސްޓޭޓްމެންޓްތައް ދިރާސާ ކޮށްފައި ވާއިރު، އޭގެ ތެރެއިން ފާހަގަވި، ތިން މަޝްރޫއުގެ ފައިސާގެ މައްސަލަ ބަލަމުން ދަނީ ވަކި މައްސަލައެއްގެ ގޮތުގައި ކަމަށް މުއައްވިޒު ވިދާޅުވިއެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުވަތަ އެއީ ކޮން މަޝްރޫއުތަކެއް ކަމެއް ވެސް މުއައްވިިޒު ފާހަގައެއް ނުކުރައްވައެވެ.