ތިން މަޝްރޫއެއްގެ ފައިސާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހިނގާދިޔަ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅިގެން ހެދި ހާއްސަ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން ސުވާލުކުރުމަށް މިއަދު އޭސީސީގެ މެންބަރުން މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރުމުން އެ ކޮމިޝަންގެ ރައީސް މުއައްވިޒު ރަޝީދު ވަނީ ރައީސް ޔާމީންގެ އެކައުންޓުތަކުގެ ތަފްސީލުގައި ޝައްކު އުފެދޭ މުއާމަލާތްތަކެއް ހިމެނޭކަން ފާހަގަކުރައްވާފައެވެ.

މުއައްވިޒު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނަށް އަމާޒުވި ތުހުމަތުތަކާ ގުޅިގެން އެކައުންޓުތަކުގެ ތަފްސީލް ހޯދުމަށް އޭރު ކޮމިޝަނުން މަސައްކަތް ކޮށް، އޭރު އެކަން ކާމިޔާބު ވާގޮތް ނުވެފައިވާ ކަމަށެވެ. ނަމަވެސް، މިފަހުން ރައީސް ޔާމީނުގެ ހުރިހާ ބޭންކް އެކައުންޓްތަކެއްގެ ތަފްސީލްތައް އޭސީސީއަށް ލިބިފައިވާ ކަމަށާއި، ތަފްސީލްތަކަށް ބަލާއިރު ޝައްކު އުފެދޭ މުއާމަލާތްތަކެއް ހިމެނޭ ކަމަށް މުއައްވިޒު ވިދާޅުވިއެވެ. އެގޮތުން، ރައީސް ޔާމީންގެ އެކައުންޓްތަކަށް ގިނަ އަދަދެއްގެ ނަގުދު ފައިސާ ޖަމާކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ބޭރުގެ ގިނަ ފަރާތްތަކާއެކު ބޮޑެތި މުއާމަލާތްތަކެއް އެ އެކައުންޓްތަކުން ހިންގާފައިވާ ކަމަށް މުއައްވިޒު ވިދާޅުވިއެވެ.

އޭސީސީއިން ރައީސް ޔާމީންގެ އެކައުންޓްތަކާ ގުޅޭ ވަރަށް ގިނަ ލިޔެކިޔުންތަކާއި ބޭންކް ސްޓޭޓްމެންޓްތައް ދިރާސާ ކޮށްފައި ވާއިރު، އޭގެ ތެރެއިން ފާހަގަވި، ތިން މަޝްރޫއުގެ ފައިސާތަކުގެ މައްސަލަ ބަލަމުން ދަނީ ވަކި މައްސަލައެއްގެ ގޮތުގައި ކަމަށް މުއައްވިޒު ވިދާޅުވިއެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުވަތަ އެއީ ކޮން މަޝްރޫއުތަކެއް ކަމެއް ވެސް މުއައްވިިޒު ފާހަގައެއް ނުކުރައްވައެވެ.

އެމްއެމްޕީއާރްސީ ކޮރަޕްޝަނާ ގުޅިގެން ރައީސް ޔާމީނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލަ ބަލާފައިވާއިރު، އެއީ ކޮރަޕްޝަންގެ ބޮޑު ތުހުމަތެއްވާ އެސްއޯއެފްއިން ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާގެ މައްސަލައެވެ. އަދި އެ ފައިސާތައް ދައުލަތާ ހަވާލުކުރުމުގެ ބަދަލުގައި ލޯންޑާކުރަން އުޅުއްވި ކަމުގެ ތުހުމަތުގައި ޖިނާއީ ދައުވާ ވެސް ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައެވެ.